ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން ނުޙައްޤުން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ޚާއްޞަ ބިލެއް އެކުލަވާލައި، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުއްވާފައިވާ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ.
އެމަނިކުފާނު ސޯޝަލް މީޑިއާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިއަދު ވިދާޅުވީ، މި ބިލު ހުށަހެޅުމުގެ މައިގަނޑު މަޤްޞަދަކީ ކުށްކޮށްގެން ހޯދާ މުދާ އަތުލައިގަނެ، އެފަދަ މުދަލުން އިތުރު މާލީ މަންފާއެއް ހޯދުމުގެ މަގުތައް މުޅިން ބަންދުކުރުމަށްޓަކައި ހަރުދަނާ ޤާނޫނީ އޮނިގަނޑެއް ޤާއިމުކުރުން ކަމަށެވެ.
އަދި މީގެ އިތުރުން، އެކި ފަރާތްތަކުން ނުޙައްޤުން ހޯދާފައިވާ ދައުލަތުގެ މުދާ އަނބުރާ ދައުލަތަށް ނެގުމުގައި މިހާރު ކުރިމަތިވަމުންދާ ޤާނޫނީ ހުރަސްތަކާއި މައްސަލަތަކަށް މި ބިލުގެ ސަބަބުން އެދެވޭ ޙައްލެއް ލިބިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.



