އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް، ކުރިން ވެސް އެމަގާމު ފުރުއްވާފައިވާ އަބްދުލް އަޒީޒް ޖަމާލު އަބޫބަކުރު އައްޔަން ކުރުމަށް އޭނަގެ ނަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައި އެވެ.
އެ ނަމުގެ މައްސަލަ އިތުރަށް ދިރާސާކޮށް ގޮތެއް ނިންމުމަށް މިހާރު ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް މިއަދު ފޮނުވައިފަ އެވެ. އަޒީ ކުރިން އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު ފުރުއްވީ 2014-2019 އަށެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމަށްޓަކައި އެ މަގާމަށް ޝައުގުވެރިވާ މީހުން ކުރިމަތިލުމަށް ރައީސް އޮފީހުން ހުޅުވައިލީ މި މަހުގެ 3 ގަ އެވެ. އަދި އެކަމަށް ދިން މުއްދަތު ހަމަވީ މި މަހުގެ 16 އަށެވެ.
އެ މަގާމަށް ކުރިމަތިލާން ހުޅުވީ މިހާރު އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގައި ހުންނެވި އާހިދު ރަޝީދުގެ ދައުރު އަންނަ މަހުގެ ތެރޭގައި ހަމަވާތީ އެވެ. އެ މަގާމަށް އާހިދު ޢައްޔަންކުރީ ސެޕްޓެމްބަރު 6، 2021 ގަ އެވެ.
އެހެންވެ އަންނަ މަހުގެ 6 އަށް އޭނަ ފަސް އަހަރުގެ ދައުރު ހަމަވާނެ އެވެ.



