- Advertisement -spot_img

ގެއްލުމުގައި ހިންގާ ކުންފުނިތައް މަރުކަޒީކުރުމަށް ދަނީ މަސައްކަތް ކުރަމުން: ޒަރީރު

ގެއްލުމުގައި ހިންގާ ކުންފުނިތައް މަރުކަޒީކުރުމަށް ދަނީ މަސައްކަތް ކުރަމުން ކަމަށާއި ރީޖަނަލް އެއާޕޯޓްސް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ، އެމްއޭސީއެލްއާ އެއްކޮލުމުން މަހަކު 10 މިލިޔަން ރުފިޔާ ސަލާމަތްކުރެވޭ ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މާލީ ވަޒީރު ވަނީ ސަރުކާރުން ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް މިހާތަނަށް އަޅުއްވާފައިވާ ފިޔަވަޅުތައް ހިއްސާކުރައްވާފައެވެ. އަދި އަލަށް އުފައްދާފައިވާ ކުންފުނިތަކާ ގުޅޭ މައުލޫމާތުވެސް ވަޒީރު ދެއްވިއެވެ.

މަލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވަޒީރު ހަސަން ޒަރީރު ވިދާޅުވީ، ސަރުކާރު ކުންފުނިތަކުގެ އަދަދު މަދުކޮށް، ގެއްލުމުގައި ހިންގާ ކުންފުނިތައް މަރުކަޒީކޮށް ހިންގުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާއިރު މިހާތަނަށް އެއް ކުންފުންޏެއް އުވާލާފައިވާ ކަމަށެވެ. މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން އުފެއްދި މަގުސަދު ހާސިލުނުވާތީ އެ ކުންފުނި އުވާލާފައިވާ ކަމަށާއި މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އުވާލުމަށް ނިންމައި، އެކަމަށްޓަކައި ލިކުއިޑޭޓަރަކުވެސް އައްޔަންކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މި މަސައްކަތުގެ ތެރެއިން ރީޖަނަލް އެއާޕޯޓްސް ކުންފުނި، އެމްއޭސީއެލްއާ އެއްކޮށްލުމުގެ ސަބަބުން 10 މިލިޔަން ރުފިޔާ ކޮންމެ މަހަކު ސަލާމަތްކުރެވޭ ކަމަށެވެ. މިއީ ރީޖަނަލް އެއާޕޯޓްސްގެ ހިންގުމަށާއި މުވައްޒަފުންގެ މުސާރައަށް ދައުލަތުގެ ބަޖެޓުން ކުރިން ހޭދަކުރަމުންދިޔަ ފައިސާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މި ސަރުކާރުން އަލަށް އުފެއްދި 5 ކުންފުންޏާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރައްވަމުން މާލީ ވަޒީރު ވިދާޅުވީ އެ ކުންފުނިތަކުގައި މިހާރު ތިބީ 889 މުވައްޒަފުން ކަމަށެވެ. މީގެ ތެރެއިން 733 މުވައްޒަފުންނަކީ އެސްޓީއޯގެ ފާމަސޫޓިކަލް ބައިގައި މަސައްކަތް ކުރަމުން އައި މުވައްޒަފުންގެ ތެރެއިން ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަނަށް ބަދަލުވި މުވައްޒަފުން ކަމަށްވެސް ވިދާޅުވިއެވެ.

ބަޖެޓަށް އިޝާރާތް ކުރައްވައި ވަޒީރު ވިދާޅުވީ ދައުލަތުގެ ރިކަރަންޓް ޚަރަދުތައް ބޮޑުވަމުން އައި އެއް ސަބަބަކީ ދައުލަތުގެ މުސާރަތައް ހާމަނައިޒް ކުރަމުން އައި މަސައްކަތްތައް ކަމަށާއި މެދުއިރުމަތީގެ ހަނގުރާމައާއެކު ތެލަށް ކުރަންޖެހޭ ޚަރަދުވެސް 3 ގުނައަށް އިތުރުވެފައިވާ ކަމަށެވެ. އަދި ދައުލަތުގެ އާމްދަނީ އިތުރުކޮށް ޚަރަދުތައް ކުޑަކޮށްގެން، އާމްދަނީ އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށްވެސް މާލީ ވަޒީރު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް