- Advertisement -spot_img

ނޭކުރެންދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމްކުރުމުގެ މަޝްރޫޢު ނިމިއްޖެ

ހދ. ނޭކުރެންދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް މުޅިން ނިންމައި، އެ ނިޒާމުތައް ޓެސްޓްކޮށް ކޮމިޝަންކޮށްފިއެވެ.

މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން މައުލޫމާތު ދިން ގޮތުގައި، މި މަޝްރޫޢުގެ އަމަލީ މަސައްކަތް މުޅިން ނިންމާލުމަށްފަހު ފެނާއި ނަރުދަމާ ނިޒާމު ޓެސްޓްކޮށް ކޮމިޝަންކޮށްފައި ވަނީ 13 އޮގަސްޓު 2026ގައެވެ.

ފެނާއި ނަރުދަމާ ނިޒާމު ޓެސްޓްކޮށް ކޮމިޝަން ކުރުމުގެ މި ހަރަކާތުގައި، މިނިސްޓްރީގެ ޓެކްނިކަލް ސްޓާފުންގެ އިތުރުން ކޮންޓްރެކްޓަރާއި، ފެނަކަ ކޯޕަރޭޝަން އަދި އެ ރަށު ކައުންސިލްގެ ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި މަޝްރޫޢަކީ އޯޕެކް ފަންޑް ފޯރ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓްގެ ލޯނު އެހީ އާއި ދިވެހި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށްގެންގޮސްފައިވާ މަޝްރޫޢެކެވެ. މި މަސައްކަތް ސަރުކާރުން ހަވާލުކޮށްފައި ވަނީ އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަދި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ޖޮއިންޓް ވެންޗަރަކާއެވެ.

މި މަޝްރޫޢުގެ ދަށުން، ފެން ޓެސްޓްކުރެވޭ އިކްއިޕްމަންޓްތަކާއެކު ލެބޯޓްރީއަކާއި އޮފީސް ޖާގަ ހިމެނޭހެން 30 ކިލޯވޮޓްގެ ސޯލަރ ޕެނަލް ވަނީ ހަރުކޮށްފައެވެ. އަދި އާރު.އޯ ޕްލާންޓް އިމާރާތެއް ޤާއިމުކޮށް، 2 ބޯހޯލް ތޮރުފައި، 30 ޓަނުގެ 2 އާރު.އޯ ޕްލާންޓާއި، 135 ޓަނުގެ ބޯފެން ރައްކާކުރާ 2 ޓޭންކާއި، 200 ޓަނުގެ ވާރޭ ފެން ރައްކާކުރާ 1 ޓޭންކުގެ އިތުރުން 3 ނަރުދަމާ ޕަންޕިންގ ސްޓޭޝަނާއެކު ސްވަރޭޖް ޓްރީޓްމަންޓް ޕްލާންޓެއް ވަނީ ޤާއިމުކޮށްފައެވެ.

މީގެއިތުރުން، މި މަޝްރޫޢުގެ ދަށުން 13.1 ކިލޯ މީޓަރުގެ ފެނުގެ ވިއުގައެއް އަދި 10.4 ކިލޯ މީޓަރުގެ ނަރުދަމާ ވިއުގައެއް ވަނީ އަޅާފައެވެ. އަދި ސީ އައުޓް ފޯލް އެޅުމުގެ މަސައްކަތުގެ އިތުރުން، ނަރުދަމާ ނިޒާމު ގުޅުވުމަށްޓަކައި ގޭބިސީތަކާއި އެހެނިހެން ޢިމާރާތްތަކުގެ ތެރޭގައި ކެޗްޕިޓް ބެހެއްޓުމާއި ފެން މީޓަރުތައް ބެހެއްޓުމުގެ މަސައްކަތްވެސް ވަނީ ފުރިހަމަކޮށްފައެވެ.

މި މަޝްރޫޢަކީ ނޭކުރެންދޫގެ ރައްޔިތުންނަށް ދިމާވެފައިވާ ފެނާއި ނަރުދަމާގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން މުހިންމު އިސްކަމެއްދީގެން ކުރިއަށްގެންގޮސްފައިވާ ތަރައްޤީގެ މަޝްރޫޢެކެވެ. މިފަދަ ނިޒާމުތައް ޤާއިމުވެގެން ދިއުމާއެކު، ރަށުގެ ސިއްޙީ ރައްކާތެރިކަމާއި ތިމާވެށި ހިމާޔަތް ކުރުމަށް ފަސޭހަވެގެންދާނެއެވެ.

ގުޅުންހުރި ލިޔުންތައް