އިސްލާމްދީނުގެ ފުރަތަމަ މަޞްދަރުކަމުގައި ކީރިތި ޤުރްއާންވީ ފަދައިން އެ ދީނުގެ ދެވަނަ މަޞްދަރަކީ ކީރިތި ރަސޫލާ މުޙައްމަދު ﷺ ގެ ސުންނަތްކަމަށާއި، ކީރިތި ޤުރްއާނާއި ސުންނަތާ ދެމެދުގައިވާ ގުޅުމަކީ ޝަހާދަތުގެ ދެކަލިމައިގައިވާ ގުޅުންކަން މިއަދުގެ ހުކުރު ހުތުބާގައި ބަޔާންކޮށްފިއެވެ.
”ސުންނަތް: އިސްލާމީ ޝަރީޢަތުގެ ދެވަނަ މަޞްދަރު“ މައުޟޫއަށް މިއަދު ރާއްޖޭގެ މިސްކިތްތަކުގައި ގެނެސްދިން ހުކުރު ހުތުބާގައި ބުނީ، މާތް ﷲއަށް ކިޔަމަންވުމަށް ކުރައްވައިފައިވާ އަމުރުފުޅާ ވިދިގެން ރަސޫލާ ﷺ އަށް ކިޔަމަންވުމަށް ކީރިތި ޤުރްއާނުގެ އެތައް އާޔަތެއްގައި އެކަލާނގެ އަމުރު ކުރައްވައިފައިވާ ކަމަށެވެ. އަދި ދިރިއުޅުމުގެ ހުރިހައި ކަމެއްގައި އެކަލޭގެފާނަށް ތަބާވެ، އެކަލޭގެފާނު ނަމޫނާއެއްކަމުގައި ބަލައިގަތުމަކީ މުސްލިމުންގެ މައްޗަށް ލާޒިމުވެގެންވާ ކަމެއް ކަމަށްވެސް ހުތުބާގައި ފާހަގަކުރިއެވެ.
ހުތުބާގައި އިތުރަށް ބުނީ، ސުންނަތޭ ބުނުމުން އެއީ ކޮންމެހެން ނުކުރިއަސް ވަރިހަމަ ކަންކަން ކަމުގައި ބައެއް މީހުންނަށް ހީވެފައި އޮންނަ ކަމަށެވެ. އަދި މުސްލިމުން ޢަމަލުކުރާން ޖެހޭ ހުރިހައި ކަމެއް ކީރިތި ޤުރްއާނުގައި ބަޔާންކުރައްވައިފައިވާތީ، އޭގެ ބޭރުން އެހެން އެއްޗަކަށް ބަލާކަށް ނުޖެހޭނެ ކަމަށް ބައެއް މީހުން ދެކުމަކީ ވަރަށް ބޮޑު އޮޅުމެއް ކަމަށް ހުތުބާގައި ބުންޏެވެ. އިސްލާމީ ޝަރީޢަތުގެ ގިނަ ކަންކަމުގައި ސުންނަތަށް ރުޖޫޢަނުވެ، ހަމައެކަނި ޤުރްއާނުން ދަލީލު ނަގައިގެން ޢަމަލުކުރުމީ މުސްތަޙީލުކަމެއް ކަމުގައި ހުތުބާގައި ބަޔާންކޮށްފަވެއެވެ.
މިސާލެއްގެ ގޮތުން ނަމާދާއި ޙައްޖުގެ އަޅުކަމަށް އަލިއަޅުވާލައި ހުތުބާގައި ބުނީ، ނަމާދު ފަރުޟުވެއްޖެކަން ޤުރްއާނުން އެނގެން އޮތް ނަމަވެސް، ނަމާދު އަދާކުރާންވީ ގޮތާއި ޙައްޖުގެ އަޅުކަން އަދާކުރާންވީ ގޮތް ދަސްކޮށްދެއްވީ ރަސޫލާ ﷺ ގެ ސުންނަތުން ކަމަށެވެ. އެހެންކަމުން ސުންނަތާ ނުލައި، ދީނުގެ ޙުކުމްތަކެއް ނޭނގޭނެ ކަމަށް ހުތުބާގައި ބުނެފައިވެއެވެ.
ޚުތުބާގައި އިތުރަށް ބުނީ، ޝަހާދަތުގެ ދެކަލިމަ ވަކިނުކުރެވޭނޭ ފަދައިން ޤުރްއާނާއި ސުންނަތް ވެސް ވަތްކެއް ނުކުރެވޭނެ ކަމަށެވެ. އަދި ކީރިތި ރަސޫލާ ﷺ ގެ ސުންނަތަކީ އެކަލޭގެފާނަށް ބާވައިލެއްވުނު ދީނުގެ ބައެއް ކަމަށާއި، އެ ދީން ކީރިތި ﷲ ޤިޔާމަތަށްދާންދެން ރައްކާތެރިކުރައްވާނޭ ކަމަށް ވަޢުދުވެވޮޑިގެންފައިވާ ކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ.



