- Advertisement -spot_img

މިއަހަރުގެ ނިޔަލަށް އިންޑިއާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުން ޤާއިމުކުރެވޭނެ: ސަޢީދު

މިއަހަރުގެ ނިޔަލަށް ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުން ޤާއިމުކުރެވޭނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ އެ ވުޒާރާއިން އިންތިޒާމުކޮށްގެން ބޭއްވި “އިޤްތިޞާދުގެ ދެފަރާތް” ފޯރަމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ދެ ޤައުމުގެ ދެމެދުގައި ޤާއިމުކުރުމަށް މަސައްކަތްކުރާ މި އެއްބަސްވުމުގެ ޓާމްސް އޮފް ރިފަރެންސްގައި ސޮއިކޮށްފައިވަނީ މިއަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ.

ރާއްޖޭގެ ޒުވާނުންނަށް އިޤްތިޞާދީ ގޮތުން ފަހި ފުރުޞަތުތަކެއް ހޯދައިދިނުމަށާއި، ޑިޖިޓަލް އިޤްތިޞާދުގެ ތެރެއަށް ރާއްޖެ ވެއްދުމަށް ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކުރައްވާކަމަށް ވަޒީރު ސަޢީދު ފާހަގަކުރެއްވިއެވެ. އެގޮތުން ދުނިޔޭގެ ނަންމަޝްހޫރު ޕްލެޓްފޯމްތަކާއެކު ގުޅުން ބަދަހިކުރަން ފަށާފައިވާކަމަށާއި، ‘އޮތެންޓިކް މޯލްޑިވްސް’ މެދުވެރިކޮށް އަލީބާބާ ފަދަ ވަސީލަތްތަކުގައި 400 އަށްވުރެ ގިނަ ދިވެހި ވިޔަފާރިވެރިން މިހާރު ލިސްޓުކޮށްފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

އިންޑިއާއާއެކު ކުރިއަށްދާ ބައިލެޓްރަލް އިންވެސްޓްމަންޓް ޓްރީޓީގެ އެންމެ މުހިންމު ބޭނުމަކީ ދިވެހި ޒުވާނުންގެ އުފެއްދުންތަކަށް އިންޑިއާގެ ބޮޑު މާކެޓުން ފުރުޞަތު ހޯދައިދިނުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް