- Advertisement -spot_img

ކަނޑުމަތީގެ ހާދިސާއެއްގައި ފުލުހަކާއި ސިފައިންގެ މީހެއްގެ އިތުރުން ދޯނި ކެޕްޓަން ގެއްލިގެން ހޯދަނީ

ލ. އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރަމުންދިޔަ ’ފްރެންޑް 4‘ ނަމަކަށް ކިޔާ ސަޕްލައި ދޯނި، ކަނޑުގަދަވެ ރާޅު އެރުމުގެ ސަބަބުން ދިޔަވެ އަޑިއަށްގޮސްފިއެވެ.

އެ ދޯނީގެ ކައްޕީގެ އިތުރުން، ސަލާމަތްކުރުމުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި ފުލުހަކު ވަނީ ގެއްލިފައެވެ.

ވއެމްއެންޑީއެފުން ބުނީ މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ފޯތު ސްކޮޑްރަންއަށް ލިބުނީ ރޭ 10:37 ހާއިރު ކަމަށެވެ.

މި އުޅަނދަށް ރާޅު އަރައި ދިޔަވަމުންދާކަމުގެ މައުލޫމާތު ލިބުމާ އެކު، އުޅަނދާއި އޭގައި ތިބި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން ގުޅިގެން ފެށި ކަމަށް އެމްއެންޑީއެފުން ބުންޏެވެވެ.

ނަމަވެސް، ކަނޑުގަދަވުމުގެ ސަބަބުން ދޯނި ސަލާމަތްކުރުމަށް ކުރި މަސައްކަތް ކާމިޔާބުވާ ގޮތް ނުވެ، ސިފައިންނާއި ފުލުހުން މަސައްކަތް ކުރަމުން ދަނިކޮށް އުޅަނދު ވަނީ މުޅިން އަޑިއަށް ގޮސްފައެވެ.

މި ހާދިސާ ހިނގިއިރު، އެ އުޅަނދުގައި 8 މީހުން ތިބި ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އޭގެ ތެރެއިން 7 މީހަކު ވަނީ ސަލާމަތްކޮށްފައެވެ.

އެމްއެންޑީއެފުން ބުނީ ގެއްލުނު މީހުންގެ ތެރޭގައި ހިމެނެނީ ދޯނީގެ ކައްޕި އާއި މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި ފުލުހެކެވެ.

”ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެމަގުން ހުއްޓުމެއް ނެތި ދަނީ ކުރަމުންނެވެ،“ އެމްއެންޑީއެފުން ބުންޏެވެ.

މި ދުވަސްކޮޅަކީ ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސް، ކަނޑުގަދަ ދުވަސްވަރެކެވެ. މިދިޔަ ހުކުރު ދުވަހު ކ. ގާފަރު ކައިރިއަށް ބަންޑުންޖަހާލި ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނެއެވެ.

ގުޅުންހުރި ލިޔުންތައް