ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށާއި، މުއައްސަސާގެ ނަޒާހަތްތެރިކަން އިތުރުކުރުމަށްޓަކައި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އޭސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޮމިޝަނުގެ ރައީސް އަލްއުސްތާޛު އާދަމް ޝާމިލެވެ. ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ޑރ. އަލީ އަޒުވަރެވެ.
ފަހުމުނާމާގެ މައިގަނޑު މަޤްޞަދަކީ ކޮރަޕްޝަންގެ ހިރާސްތައް ދެނެގަނެ، އެފަދަ ކަންކަން ވިޔަނުދިނުމަށް ދެ ފަރާތް ގުޅިގެން ހަރުދަނާ މަސައްކަތްތަކެއް ކުރުމެވެ. މީގެ އިތުރުން، ކުންފުނީގެ މުވައްޒަފުން ތަމްރީނުކުރުމާއި، އޭސީސީގެ ލަފަޔާއި އިރުޝާދާ އެއްގޮތަށް ކުންފުނީގެ ހިންގުމުގެ ނިޒާމު ބައްޓަންކުރުން މި އެއްބަސްވުމުގެ ދަށުން ކުރިއަށްދާނެ އެވެ.
މި އެއްބަސްވުމުގެ ދަށުން، ސްޓެލްކޯގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ހިންގާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކުގައި އޭސީސީން ފަންނީ އެހީތެރިކަން ފޯރުކޮށްދޭނެ އެވެ. އަދި ސްޓެލްކޯގެ ފަރާތުން އޭސީސީން ކުރިއަށްގެންދާ އެކި ތަޙުޤީޤުތަކަށް ބޭނުންވާ މަޢުލޫމާތާއި ފުރިހަމަ އެއްބާރުލުން ދިނުމަށްވެސް ވަނީ އިޤްރާރުވެފަ އެވެ.
ކުންފުނީގެ ސިޔާސަތުތައް އެކުލަވާލުމުގައި ކޮރަޕްޝަނަށް އޮންނަ ފުރުޞަތުތައް ކުޑަކުރުމަށްޓަކައި، އޭސީސީގެ އިރުޝާދުތަކަށް އިސްކަންދިނުމަށް މި ފަހުމުނާމާގައި ބާރުއަޅާފައިވެ އެވެ. މީގެ އިތުރުން، ދެ ފަރާތުގެ މެދުގައި ފަންނީ ތަޖުރިބާ އާއި ވަޞީލަތްތައް ހިއްސާކުރުމަށްވެސް މި އެއްބަސްވުމުގައި ހިމަނާފައިވެ އެވެ.
މިއީ ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން ދެފުށް ފެންނަ، ނަޒާހަތްތެރި މަސައްކަތުގެ މާޙައުލެއް ބިނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ދެ މުއައްސަސާއިންވެސް ފާހަގަކުރެ އެވެ.



