- Advertisement -spot_img

ސޯލިހު ވެރިކަމުގައި އެސްއޯއީތަކުން ވަޒީފާތައް ދިނީ ވެރިކަން ދިފާއު ކުރަން: ތޯރިގު

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) ގެ ސަރުކާރުން ދައުލަތުގެ ކުންފުނިތަކަށް (އެސްއޯއީ) ބޭނުން ނުވާ ވަރަށް މުވައްޒަފުން އިތުރުކުރީ ހަމައެކަނި ސިޔާސީ ބޭނުމަށްޓަކައި ވެރިކަން ދިފާއުކުރުމަށް ކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ޠާރިގު (ޓޮމް) ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔަގެ ޖަލްސާގައި ވާހަކަދައްކަވަމުން ޠާރިގު ވިދާޅުވީ، ޚާއްޞަކޮށް ފެނަކަ ކޯޕަރޭޝަނާއި، ސްޓެލްކޯ އަދި އާރު.ޑީ.ސީ ފަދަ ކުންފުނިތަކަށް މުވައްޒަފުން ވައްދާފައިވަނީ އެ ކުންފުނިތަކަށް ބޭނުންވާ މިންވަރަށްވުރެ މާ ގިނައިން ކަމަށެވެ. އަދި މިއީ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި ވޯޓު ހޯދުމުގެ ނިޔަތުގައި ކޮށްފައިވާ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

ޠާރިގު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މަސްވެރިކަމުގެ ސިނާޢަތުގައި އުޅުނު ޒުވާނުންނަށް ފެނަކަ ފަދަ ކުންފުނިތަކުން ވަޒީފާ ދިނުމުގެ ސަބަބުން މަސްވެރިކަމުގެ ސިނާޢަތަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ.

އާރު.ޑީ.ސީގެ މިސާލު ދައްކަވަމުން ޠާރިގު ވިދާޅުވީ، މަހިބަދޫގައި ރިޔާސީ އިންތިޚާބާ ދިމާކޮށް އެ ކުންފުންޏަށް 30 އަށްވުރެ ގިނަ މުވައްޒަފުން ނެގި ނަމަވެސް، އެމީހުން ކުރާނެ އެއްވެސް މަސައްކަތެއް ނެތް ކަމަށެވެ. އަދި އެ މުވައްޒަފުންނަކީ ކެފޭތަކުގައި ތިބެފައި މަހަކު އެއްފަހަރު ހާޒިރީގައި ސޮއިކޮށްގެން މުސާރަ ނެގި ބައެއް ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް