- Advertisement -spot_img

އެސްޓީއޯ ބަލިކޮށް އާރްއާރްސީން ކްލަބް މޯލްޑިވްސްގެ ތަށި ދިފާއުކޮށްފި

ކްލަބް މޯލްޑިވްސް ފުޓްސަލް ސީޒަންގައި ހިމެނޭ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ ކްލަބް މޯލްޑިވްސް ކަޕް 2026 ގެ ފައިނަލް މެޗުގައި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު އެސްޓީއޯ ރެކްރިއޭޝަން ކުލަބު ބަލިކޮށް، ރޯޑް ރެކްރިއޭޝަން ކުލަބު (އާރްއާރްސީ) އިން ތަށި ދިފާއުކޮށްފިއެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އެންޑޯސްކޮށްފައިވާ މި އަހަރުގެ ކްލަބް މޯލްޑިވްސް ކަޕުގެ ޗެމްޕިއަންކަން އާރްއާރްސީން ހޯދީ ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު ފައިނަލް މެޗުގައި މި މުބާރާތް ހަތަރު ފަހަރު ކާމިޔާބުކޮށްފައިވާ އެސްޓީއޯ އަތުން ފަހު ވަގުތު 3-2 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.

ރޭ ކުޅުނު ފައިނަލް މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ އާރްއާރްސީންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިސްމާޢީލް މުނީޒެވެ. އެކަމަކު މާ ގިނަ އިރުތަކެއް ނުވެ އިސްމާޢީލް ޝަރީފް ވަނީ އެސްޓީއޯއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މި މެޗުގެ ދެވަނަ ހާފުގައި ލިބުނު ޕެނަލްޓީއަކުން އިސްމާޢީލް އީސަ އެސްޓީއޯއަށް ލީޑު ނަގައިދިން ނަމަވެސް، ޝަނާން ރަޝާދު ވަނީ މެޗުގެ 30 ވަނަ މިނެޓުގައި އާރްއާރްސީއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި މި މެޗުން އާރްއާރްސީ މޮޅުވީ މެޗުގެ ފަހު މިނެޓުގައި މުނީޒް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މި ފަހަރުގެ ކުލަބު މޯލްޑިވްސް ކަޕުގައި 17 ޓީމެއް ވާދަކުރިއިރު، މި މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވުނީ ކުލަބު އެމްޓީސީސީއެވެ. އަދި ފެއާޕްލޭ ކުޅުންތެރިޔަކީ ކުލަބު އެޗްޑީސީގެ އަލީ އަލްސަނެވެ. މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިޔާގެ މަގާމު އެޗްޑީސީގެ މުޒްދާން ހަސަން ހޯދިއިރު، އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކީ އެމްޓީސީސީގެ މުޙައްމަދު އިސާމެވެ.

މުބާރާތުގެ ބެސްޓް ސަޕޯޓިންގ ޓީމުގެ މަގާމު ހޯދީ ޗެމްޕިއަން އާރްއާރްސީންނެވެ. އަދި އެންމެ މޮޅު ކޯޗުގެ މަގާމު ހޯދީ އެ ޓީމާއެކު ތަށި ދިފާއުކުރި އިސްމާޢީލް ޝަރީފެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ އާރްއާރްސީގެ ޝަނާން އާއި، މޮހްސެން މޮންތަޒޭމީގެ އިތުރުން އެސްޓީއޯގެ އަޙްމަދު ރާހިލް ރަޝީދާއި، ހުސައިން ޝަރީފް އަދި ގޯލްކީޕަރު މުޙައްމަދު ޒުހަލެވެ. މީގެ ތެރެއިން ކިންގް އޮފް ފުޓްސަލްގެ މަގާމު ހޯދީ ޝަނާނެވެ.

މިއީ އާރްއާރްސީން މި މުބާރާތް ކާމިޔާބުކުރި ތިންވަނަ ފަހަރެވެ. އެ ޓީމުން ވަނީ މި އަހަރާއި، މިދިޔަ އަހަރުގެ އިތުރުން 2021 ވަނަ އަހަރު މި މުބާރާތް ކާމިޔާބުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް