- Advertisement -spot_img

10 މިލިއަން ރުޕީސްގެ މަސްތުވާތަކެއްޗާއެކު ލަންކާއިން ދެ ދިވެހިން ހައްޔަރުކޮށްފި

ސްރީލަންކާއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި، 10 މިލިއަން ރުޕީސްގެ އަގުހުރި އައިސް (ކްރިސްޓަލް މެތަމްފެޓަމައިން) އާއެކު ދެ ދިވެއްސަކު ލަންކާގެ ޕޮލިސް ނާކޮޓިކްސް ބިއުރޯއިން ހައްޔަރުކޮށްފިއެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި، މި މައްސަލައިގައި ފުރަތަމަ ހައްޔަރުކޮށްފައިވަނީ އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކުރީ ޖުލައި 22 ވަނަ ދުވަހު މާލެއިން ފުރައިގެން ގޮސް ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓަށް ފޭބި ވަގުތުގައެވެ. ޕޮލިސް ނާކޮޓިކްސް ބިއުރޯގެ ޑެޕިއުޓީ ޑިރެކްޓަރަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ހިންގި މި ހާއްސަ އޮޕަރޭޝަންގައި، އެއާޕޯޓުގެ ބެގޭޖް ކްލެއިމް ސަރަހައްދުން އޭނާ ބަލައި ފާސްކުރިއިރު، 602 ގްރާމްގެ އައިސް ފެނިފައިވެއެވެ. އޭނާ ދަތުރުކުރީ ފިޓްސްއެއަރގެ ފްލައިޓް 8ޑީ 922 އިންނެވެ.

މި މަސްތުވާތަކެތި ފެނިފައިވަނީ އޭނާ ލައިގެން ހުރި އަންނައުނުގެ އެތެރެއިން، ދެ ޕާރުސަލަކަށް ބަންދުކޮށް، ހަށިގަނޑުގައި ޓޭޕް އަޅައިގެން ފޮރުވާފައި ވަނިކޮށެވެ. އޭނާއާ ސުވާލުކުރުމުން، މި މަސްތުވާތަކެއްޗަކީ ލަންކާގައި މިތަކެތީގެ ވިޔަފާރިކުރާ މައި މީހަކާ ހަވާލުކުރުމަށް ގެންދިޔަ އެއްޗެއްކަން ވަނީ ހާމަކޮށްފައެވެ.

މި މައުލޫމާތުގެ މައްޗަށް ބިނާކޮށް ފުލުހުން ވަނީ ހަމަ އެރޭ ކޮލަމްބޯގެ ހޮޓަލަކުން އިތުރު ދިވެއްސަކު ހައްޔަރުކޮށްފައެވެ. އެއީ އުމުރުން 28 އަހަރުގެ ފިރިހެނެކެވެ. އޭނާ ހައްޔަރުކުރި ވަގުތު އޭނާގެ އަތުންވެސް 10 ގްރާމް އަދި 670 މިލިގްރާމްގެ އައިސް ފެނިފައިވެއެވެ.

މި މައްސަލައިގައި ހައްޔަރުކުރި ދެ މީހުންވެސް ޖުލައި 23 ވަނަ ދުވަހު ނީގަމްބޯ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، އިތުރަށް ސުވާލުކޮށް ތަހުގީގުކުރުމަށްޓަކައި 14 ދުވަހުގެ މުއްދަތަކަށް ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް