- Advertisement -spot_img

އިސްރަށްވެހިންނާއި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އައު ހިދުމަތްތަކެއް

އިސްރަށްވެހިންނާއި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އައު ހިދުމަތްތަކެއް އިމިގްރޭޝަނުން ތައާރަފްކޮށްފިއެވެ.

މި ހިދުމަތްތައް ތައާރަފްކޮށް އިފްތިތާހުކޮށްދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާނެވެ.

އިސްރަށްވެހިންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަކޮށް ތައާރަފްކުރި ހިދުމަތްތަކުގެ ތެރޭގައި ޑިޖިޓަލް ވަސީލަތްތައް ބޭނުން ކުރުމުގައި ދަތިތަކާ ކުރިމަތިލާންޖެހޭ ފަރާތްތަކަށް އިސްކަންދީގެން، އިސްރަށްވެހިންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އޮންލައިންކޮށް ޕާސްޕޯޓަށް ހުށަހެޅުމުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށެވެ.

އެ ގޮތުން އިސްރަށްވެހިންނަށް ޕާސްޕޯޓު ފޮޓޯ ނެގުމާއި، އޮންލައިން އެޕްލިކޭޝަން ފުރިހަމަ ކުރުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ޚާއްސަ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ. އަދި މި ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް މަޑުކޮށްލައިގެން ތިބެވޭނެ ހިތްގައިމު މާޙައުލެއް ޤާއިމުކޮށް، ޢާންމު މަޢުލޫމާތާއި އިރުޝާދު ދިނުމަށް ޚާއްސަ ”އިންފޮމޭޝަން ކައުންޓަރެއް“ ވެސް ހުޅުވާފައިވާ ކަމަށް ބުނެފައިވެއެވެ.

މި ހިދުމަތްތައް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ކޮންޓްރޯލަރ އަހުމަދު ފަސީހު ވިދާޅުވީ ރައްޔިތުންނާ އެންމެ ގާތުން ގުޅިފައިވާ މިފަދަ ހިދުމަތްތައް މެދުނުކެނޑި ތަރައްގީ ކުރުމަކީ މުހިންމު ކަމެއް ކަމަށާއި އިމިގްރޭޝަންގެ އަމާޒަކީ މި ހިދުމަތްތައް އިތުރަށް ފުޅާކޮށް، ކޮންމެ ރައްޔިތަކަށް ވެސް އެއްވެސް ތަކުލީފެއް ނެތި، ފަސޭހަކަމާ އެކު ޕާސްޕޯޓުގެ ހިދުމަތް ލިބޭނެ މަގު ފަހިކޮށްދިނުން ކަމަށެވެ.

މި ހިދުމަތްތަކުގެ އިތުރުން އިމިގްރޭޝަން ހެޑް އޮފީހުގެ ތެރޭގައި ރޭ ހުޅުވި ”އިމިގްރޭޝަން ވޯލްކް އޮފް ލެގަސީ“ގެ ނަމުގައި މައުރަޒެއް ރޭގައި އިފްތިތާހުކޮށްފައިވެއެވެ. މި މައުރަޒު ވެސް އިފްތިތާހުކޮށްދީފައި ވަނީ ހޯމް މިނިސްޓަރު އަލީ އިހުސާނެވެ. މި މައުރަޒަކީ ވޭތުވެދިޔަ ހަތް އަހަރުގެ ތެރޭގައި އިމިގްރޭޝަނުން ހާސިލުކޮށްފައިވާ މުހިންމު ކާމިޔާބީތަކާއި، މުއައްސަސާއަށް އައިސްފައިވާ ކުރިއެރުންތަކާއި، މުއްސަނދި ތާރީޚު ރައްކާތެރިކޮށް ދައްކުވައިދިނުމަށް ޤާއިމުކުރި ތަނެކެވެ. މި މައުރަޒުގައި 1950އިން ފެށިގެން 2020ގެ އަހަރުތަކާ ހަމައަށް މޯލްޑިވްސް އިމިގްރޭޝަންގެ ތާރީޚު ތަރުތީބުން ފެންނަން ހުންނާނެއެވެ.

ގުޅުންހުރި ލިޔުންތައް