ދިވެހިރާއްޖޭގެ ލައިބްރަރީ ދުވަހާއި، އިސްލާމީ ކުތުބުޚާނާއަށް އެއް އަހަރު ފުރުން ފާހަގަކުރުމާއި ގުޅުވާ، އިސްލާމީ ކުތުބުޚާނާއިން ބާއްވާ ޚާއްސަ ފެއަރ އިއްޔެ ފަށައިފިއެވެ.
ސަލްމާން ރަސްގެފާނު މިސްކިތުގައި ތަރައްޤީކޮށްފައިވާ އިސްލާމީ ކުތުބުޚާނާގައި ކުރިއަށްދާ ފެއަރ ފެށުމަށްޓަކައި މިއަދު ހަވީރު ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި، ފެއަރ ފައްޓަވައިދެއްވީ އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރުގެ ނައިބު އަލްއުސްތާޛް އުސާމް މުޙައްމަދުއެވެ. މި ރަސްމިއްޔާތުގައި ވުޒާރާގެ ބައެއް އިސްވެރިން ވަނީ ބައިވެރިވެލައްވާފައެވެ.
މި ފެއަރ މިއަދު ހަވީރު 16:00 އިން 18:00 އަށްވެސް ކުރިއަށްދާނެއެވެ. ހުރިހައި ޢުމުރުފުރައަކަށް ޢާއްމުކޮށް ހުޅުވައިލައިގެން ބާއްވާ މި ފެއަރގައި ކުޑަކުދީންނަށް ޚާއްސަ ކުޅިވަރު ޙަރަކާތްތަކާއި، ޚާއްސަ އިނާމުތަކާއި ހަދިޔާތަކާއި އުފެއްދުންތެރިކަން ދައްކުވައިދޭ ސްޓޯލްތަކާއި ޢިލްމީ ފޮތްތަކާއި މަޢުލޫމާތު ހިމެނޭ ސްޓޯލްތަކާއި ތަފާތު ރަހަމީރު ކާބޯތަކެތި ލިބޭނޭ ސްޓޯލްތަކުގެ އިތުރަށް ޚާއްޞަ ޢިލްމީ ސެޝަންތައް ވެސް ކުރިއަށް ދާނެއެވެ.
އަދި 11 ޖުލައި 2026ވާ ހޮނިހިރު ދުވަހު ހަވީރު 17:00 ގައި އިސްލާމީ ކުތުބުޚާނާގައި ޑރ. ސަޢުދުﷲ ޢަލީގެ ޚާއްސަ ސެޝަނެއް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. ޑރ. ސަޢުދުﷲ ޢަލީ ނަންގަވައިދެއްވާ ސެޝަނުގެ މަޢުޟޫޢަކީ ”ޢިލްމީ ދިރާސާ ހަދާނީ ކިހިނެއް“ މި މަޢުޟޫޢެވެ.
އިސްލާމީ ކުތުބުޚާނާ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރުމުގެ މަޤުޞަދަކީ، ފޮތްކިޔުމަށް ލޯބިކުރާ މުޖުތަމަޢެއް ބިނާކުރުމަށް މަސައްކަތްކުރުމާއި، އިސްލާމީ ކުތުބުޚާނާ ބޭނުންކުރުމަށް ޢާއްމުންނަށް ހިއްވަރުދީ އެ ކަމަށް ބާރުއެޅުމެވެ.



