ޣައްޒާ ސްޓްރިޕްގައި ފާއިތުވި 19 އަހަރު ޙަމާސްއިން ހިންގަމުން އައި އަމިއްލަ ސަރުކާރު (ގަވަރމަންޓު އިމަޖެންސީ ކޮމިޓީ) އެއްކޮށް އުވާލާފައިވާކަން އެ ޖަމާޢަތުން ރަސްމީކޮށް އިޢުލާންކޮށްފިއެވެ.
މި ބަދަލާއެކު، ޣައްޒާގެ މަދަނީ އަދި އިޤްތިޞާދީ ހުރިހާ ކަމެއް ބެލެހެއްޓުން، އދ. ގެ ތާއީދާއެކު އުފައްދާފައިވާ ނޭޝަނަލް ކޮމިޓީ ފޯ ދަ އެޑްމިނިސްޓްރޭޝަން އޮފް ޣައްޒާ (އެންސީއޭޖީ) އާ ހަވާލުކުރަން ވަނީ ނިންމާފައެވެ.
ޔަހޫދީ އިސްތިއުމާރާ ދެކޮޅަށް ފަލަސްޠީނުގައި އޮތް ޖިހާދީ މައިގަނޑު ބާރު ކަމަށްވާ ޙަމާސް ވެރިކަމުން އެކަހެރިވުމުން، ބިލިއަނުން އެހީގެ ފައިސާ ޣައްޒާއަށް ވައްދައި، އެތަން އަލުން އާރާސްތުކުރުމުގެ އުންމީދުތައް އެމެރިކާއާއި ބައެއް ޢަރަބި ޤައުމުތަކުން ދަނީ ދައްކަމުންނެވެ. ނަމަވެސް، ފާޑުކިޔާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި މިއީ ހިތި ޙަޤީޤަތެއް ފޮރުވުމަށް ކުރާ ކަމެކެވެ. އިޒްރޭލަކީ އެއްވެސް މުއާހަދާއަކަށް ބޯލަނބާނެ ބައެއް ނޫންކަން ފާހަގަކޮށް، އެމީހުން ބުނާ ގޮތަށް ވެސްޓް ބޭންކުގައި ޤާއިމްކޮށްފައިވާ ޕީއެލްއޯގެ ވެރިކަމުގެ މިސާލުން ޣައްޒާގެ މުސްތަޤުބަލު އޮތް ގޮތް ވަޒަންކުރެވެއެވެ.
ތަޖުރިބާކާރުން ބުނާ ގޮތުގައި ވެސްޓް ބޭންކުގައި އިޒްރޭލުން ތަންފީޒުކުރަމުންދާ ސިޔާސަތުތަކަކީ ޣައްޒާއަށް ކަނޑައަޅާފައިވާ ”މޮޑެލް“ އެވެ. މިކަމުގެ ހެކިތަކުގެ ތެރޭގައި ވެސްޓް ބޭންކުގައި ހިންގާ މިލިޓަރީ ރެއިޑްތަކުގެ ސަބަބުން ޞިއްޙީ ފަރުވާއާއި، ކާބޯތަކެއްޗާއި، ތަޢުލީމު ފަދަ އަސާސީ ޙައްޤުތަކުން ރައްޔިތުން މަޙްރޫމްކުރުމާއި، އިޒްރޭލު ސިފައިންގެ ހިމާޔަތާއެކު ސެޓްލަރުން ހިންގާ ބިރުވެރިކަމުގެ ޢަމަލުތައް، ފަލަސްތީނު ރައްޔިތުން އެމީހުންގެ ބިންތަކުން ބޭރުކުރުމަށް ބޭނުންކުރުން ހިމެނެއެވެ. އަދި ޣައްޒާއަށް މިހާރު ހުށަހަޅާފައިވާ އެހީގެ ޕެކޭޖުތަކަކީ ހަޤީޤީ މިނިވަންކަން ހޯދައިދޭނެ އެއްޗެއް ނޫން ކަމަށާއި، މިއީ އެހީއަށް ބަރޯސާވެފައިވާ ބަޔަކަށް ރައްޔިތުން ހަދައި، ސިޔާސީ މިނިވަންކަން ނައްތާލުމަށް ކުރާ ކަމެކެވެ.
ފާޑުކިޔާ ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި، ޢަރަބި އަދި މުސްލިމް ބައެއް ޤައުމުތަކުގެ ވެރިން، ފަލަސްތީނަށް ތާއީދުކުރާ ކަމަށް ދަޢުވާކުރި ނަމަވެސް، ޢަމަލީ ގޮތުން މަސައްކަތްކުރަނީ އިޒްރޭލުގެ މަސްލަހަތު ޙިމާޔަތްކުރުމަށެވެ. އެމީހުން ހުޅަނގުގެ ބާރުތަކުގެ ކުރިމަތީގައި ނިކަމެތިވެ، އެމެރިކާއާއެކު ސަލާމަތީ އެއްބަސްވުންތައް ހަދައި، ހުޅަނގުގެ އިޤްތިޞާދުތަކުގައި ބިލިއަނުން ޑޮލަރު އިންވެސްޓްކޮށްފައި ވުމުން، އެ ޤައުމުތަކުގެ ރުހުން ހޯދުން އިސްކުރާކަމަށް ބެލެވެއެވެ. ޣައްޒާގައި އިސްލާމީ ވެރިކަމެއް ނުވަތަ ޖިހާދީ ބާރެއް އޮތުމަކީ މި ސެކިއުލާ ވެރިކަންތަކުގެ އަމިއްލަ ވެރިކަމަށްވެސް ހުރި ނުރައްކަލެއް ކަމަށް ދެކޭތީ، އެމީހުން އިޒްރޭލުގެ މަޤްޞަދުތައް ހާސިލުކުރަން މަގުފަހިކޮށްދެނީއެވެ.
ޣައްޒާގެ މުޖާހިދުންނަކީ ފަލަސްތީނުގެ ދިފާޢުގައި އޮތް ހަމައެކަނި ބާރު ކަމުގެ މިއަދު ދެކޮޅު ހެދެން ނެތެވެ. އަދި ޖިހާދަކީ އިސްލާމްދީނުގެ ކުރިބޯށި ކަމުގައި ޢިލްމުވެރިން ބަޔާންކުރައްވައެވެ. ޣައްޒާގެ ހަތިޔާރު ނައްތާލުމަކީ ފަލަސްތީނުގެ ރައްޔިތުން އަޅުވެތިކޮށް، އިޒްރޭލުގެ ޢުދުވާންތަކަށް ފުރުސަތު ދިނުން ކަމުގައިވާއިރު، މުސްލިމުންގެ ޙައްޤުތައް ޙިމާޔަތްކުރުމަށްޓަކައި ޖިހާދުގެ މުހިންމުކަން މި ޙާލަތުގައި މާ ބޮޑަށް ވެސް ފެނިގެންދެއެވެ. ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި، ޖިހާދުގެ ޙަޤީޤީ މާނަ ގެއްލިއްޖެނަމަ، މުސްލިމުން ވެގެންދާނީ ދުނިޔޭގެ ބާރުތަކުން ބޭނުންހާ ގޮތަކަށް ޖެހި، ނިކަމެތިވެގެންދާ ބަޔަކަށެވެ.



