- Advertisement -spot_img

ދުންފަތުގެ ވަބާއިން ޤައުމު ސަލާމަތްކުރުމަށް އެންމެންގެ އެއްބާރުލުމަށް ފަސްޓް ލޭޑީ ގޮވާލައްވައިފި

ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ މީހުންގެ ދުވަސް ފާހަގަކުރުމަށް މ. މުލަކުގައި ބޭއްވި ރަސްމީ ޖަލްސާގައި، ދުންފަތުގެ ނުރައްކާތެރި ވަބާއިން ޤައުމު ސަލާމަތްކުރުމަށް އެންމެހާ ފަރާތްތަކުން އެއްބާރުލުން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިއަދު އިލްތިމާސްކުރައްވައިފިއެވެ.

ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވަނީ ދުންފަތުގެ ވިޔަފާރި ކުރިއެރުވުމަށް އެކި ޒަމާންތަކުގައި ބޭނުންކޮށްފައިވާ އުކުޅުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، ހަތްދިހައިގެ އަހަރުތަކުގައި ފިލްމީ ތަރިން މެދުވެރިކޮށް ދުންފަތް އިޝްތިހާރުކުރި ނަމަވެސް، މިހާރު އެފަދަ ކަންކަން މަނާކުރެވިފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، މިހާރުވެސް ސިއްރު ގޮތްގޮތަށް، ޚާއްޞަކޮށް ވޭޕް ފަދަ ވަސީލަތްތައް ބޭނުންކޮށްގެން ކުޑަކުދިން މި މަޅީގައި ޖައްސަމުންދާކަމުގެ ކަންބޮޑުވުން ފާޅުކުރެއްވިއެވެ. މިއީ ދުންފަތުގެ ތާސީރަށްވުރެ ނުރައްކާތެރި، އަދި މަސްތުވާތަކެތީގެ ވަބާއަށް މަގުފަހިކުރުވާ ކަމެއްކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

ދުންފަތުގެ ވަބާއިން މުޖުތަމަޢު ސަލާމަތްކުރުމަށް ސަރުކާރުން އަޅުއްވާފައިވާ މުހިންމު ފިޔަވަޅުތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވާހަކަފުޅުދެއްކެވިއެވެ. މީގެ ތެރޭގައި ވޭޕް މަނާކުރުމާއި، ޖެނެރޭޝަން ބޭން ރަސްމީކުރުން ހިމެނެއެވެ. މި ފިޔަވަޅުތަކާއި ދުންފަތާ ދެކޮޅަށް ހިންގޭ ޤައުމީ ކެމްޕޭނުގެ ސަބަބުން ހެޔޮ ނަތީޖާއެއް ފެނިގެންދާނެކަމުގެ ޔަޤީންކަން އެކަމަނާ ދެއްވިއެވެ. މި ޖަލްސާގައި އެކަމަނާ ވަނީ ދުންފަތާ ދެކޮޅަށް ހިންގާ ޤައުމީ ކެމްޕޭނުގެ ރަސްމީ ލޯގޯ އިފްތިތާޙްކޮށްދެއްވައި، ލައިވް ކެންވަސް ކުލަޖެއްސުމުގެ ހަރަކާތުގައި ބައިވެރިވެވަޑައިގެންފައެވެ.

ގުޅުންހުރި ލިޔުންތައް