ފުވައްމުލައް ސިޓީގައި އިމާރާތްކުރި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒު މިއަދު ހުޅުވައިފިއެވެ.
އެތަން ހުޅުވީ އެކަމަށްޓަކައި ހަވީރު ބޭއްވި ރަސްމިއްޔާތެއްގައެވެ. ފުވައްމުލަކުގެ ކީރިތި ޤުރުއާނާ ބެހޭ މަރުކަޒު ހުޅުއްވައި ދެއްވީ އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝެއިހް އަބްދުﷲ ސައުދާނެވެ.
ފުވައްމުލައް ޤުރުއާނާއި ބެހޭ މަރުކަޒުގައި ފަސް ކުލާސްރޫމާއި، ނަމާދު ކޮޓަރިއަކާއި، ޙިފްޒު ޓެސްޓު ރޫމާއި، އޮޑިޓޯރިއަމްއަކާއި، ލައިބްރަރީއަކާއި، އޮފީސް ބަޔަކާއި، މީޓީން ރޫމެއް ހިމެނެއެވެ.
އިސްލާމީކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެފައިވާ ގޮތުގައި އެ މަރުކަޒު ހުޅުވުމަށް ފަހު ޤުރުއާން ޙިފްޡުކުރުމުގެ ޕްރޮގުރާމުތައް ފުވައްމުލަކުގައި އިތުރުކޮށް މުދައްރިސުންގެ އަދަދު ވެސް އިތުރު ކުރާނެއެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕެއް ގާއިމުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.
އެގޮތުން މިހާރު ވެސް 16 މަރުކަޒެެއްގެ މަސައްކަތް ކުރިއަށްދާ ކަމަށް މިނިސްޓްރީން ބުންޏެވެ.



