ކެނެޑާ އަތުން 2-1 އިން މޮޅުވެ، ސްވިޒަލެންޑުން ގްރޫޕް ބީގެ އެއް ވަނައިގެ ގޮތުގައި ދެ ވަނަ ބުރުން ޖާގަ ހޯދިއިރު، މި މެޗުން ބަލިވި ކެނެޑާ ވެސް ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.
ގްރޫޕް ބީގައި މިރޭ ކުޅުނު އަނެއް މެޗުން ބޮސްނިއާ އިން ވަނީ ގަތަރު 3-1 އިން ބަލިކޮށްފައެވެ.
ގްރޫޕް ބީގެ ހުރިހާ މެޗެއް ނިމުނުއިރު، އެއް ވަަނަ ސްވިޒަލޭންޑަށް ލިބުނީ ތިން މެޗުން ލިބުނު ހަތް ޕޮއިންޓާއެކު އެވެ. ދެ ވަނައިގައި އޮތް ކެނެޑާ އާއި ތިން ވަނަ އަށް ދިޔަ ބޮސްނިއާ އަށް ވަނީ ތިން މެޗުން ހަތަރު ޕޮއިންޓް ލިބިފަ އެވެ. ކެނެޑާ އަށް ދެ ވަނަ ލިބުނީ، ހެޑް ޓު ހެޑަށް ބަލާއިރު ގޯލުގެ ތަފާތުންނެވެ. މިއީ ކެނެޑާއިން ވޯލްޑް ކަޕްގެ ދެވަނަ ބުރުން ޖާގަ ހޯދި ފުރަތަމަ ފަހަރެވެ.
މި ގްރޫޕްގެ ތިން ވަނައިގައި ނިންމި ބޮސްނިއާ އަށް ވެސް ދެވަނަ ބުރުގެ ފުރުސަތު އަދި އެބައޮތެވެ. އެއީ، އެންމެ ރަނގަޅު ނަތީޖާ ހޯދާ ތިން ވަނަ ޓީމުތަކުގެ ތެރޭގައި ހިމެނިގެންނެވެ. ގްރޫޕްގެ ފުލަށް ދިޔަ ގަތަރަށް ލިބުނީ އެންމެ ޕޮއިންޓެކެވެ.
ކެނެޑާގެ ވެންކޫވާ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައި ނުވި ނަމަވެސް ދެވަނަ ހާފް ފެށިގެން މާގިނަ އިރުތަކެއް ނުވަނީސް ސްވިޒަލޭންޑުން ވަނީ ލީޑު ނަގައިފަ އެވެ. އެގޮތުން މަންޒަމްބީ ތަނަވަސްކޮށްދިން ފުރުސަތަކުން މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ރުބެން ވާގަސްއެވެ.
މެޗުގެ 57 ވަނަ މިނެޓްގައި ސްވިޒަލޭންޑުން ދެވަނަ ގޯލު ކާމިޔާބުކުރިއިރު މިއީ، އެމްބޯލޯ ތަނަވަސްކޮށްދިން ފުރުސަތަކުން މަންޒަމްބީ ޖެހި ގޯލެކެވެ. ކެނެޑާގެ ހަމައެކަނި ގޯލު މެޗުގެ 76 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޕްރޮމިސް ޑޭވިޑްއެވެ.



