- Advertisement -spot_img

ޒަކާތު ފަންޑުން ބޯންމެރޯ ޓްރާންސްޕްލާންޓަށް 2.5 މިލިއަޔަން ރުފިޔާ ފޯރުކޮށްދީފި

ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން، ތެލެސީމިއާ ކުދިންނަށް ބޭނުންވާ ބޯންމެރޯ ޓްރާންސްޕްލާންޓްގެ ފަރުވާ ހޯދުމަށްޓަކައި 2.5 މިލިއަން ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ޒަކާތު ހައުސްއިން މަޢުލޫމާތު ދެއްވި ގޮތުގައި މި ފައިސާ މިހާރު ވަނީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އަށް ޖަމާކޮށްފައެވެ.

ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ރާއްޖެއިން ބޭރަށް ކުދިން ފޮނުވަމުންދަނީ ޒަކާތު ފަންޑުގެ ދަށުންނެވެ. މި އެހީތެރިކަން ފޯރުކޮށްދެނީ 21 ފެބްރުއަރީ 2024 ގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި ސިއްޙަތާ ބެހޭ ވުޒާރާއާ ދެމެދު ސޮއިކުރެވުނު އެއްބަސްވުމެއްގެ ދަށުންނެވެ. މި އެއްބަސްވުމުގެ ކުރިންވެސް 2014 ވަނަ އަހަރުން ފެށިގެން ޒަކާތު ފަންޑުން ދަނީ މިފަދަ ފަރުވާތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ތެލެސީމިއާއަކީ މުޅި އުމުރަށް ލޭ އެޅުމާއި ސިއްޙީ ފަރުވާ ބޭނުންވާ، ވާރުތަވާ ލޭގެ ބައްޔެކެވެ. މި ބައްޔަށް މިވަގުތު އޮތް ހަމައެކަނި ދާއިމީ ފަރުވާއަކީ ބޯންމެރޯ ޓްރާންސްޕްލާންޓް ކުރުމެވެ. މި ފަރުވާގައި ކުރާ ކަމަކީ ބަލިމީހާގެ މައްސަލަ ހުރި ބޯންމެރޯގެ ބަދަލުގައި، ގުޅޭ ފަރާތެއްގެ ދުޅަހެޔޮ ސްޓެމް ސެލްތައް ޓްރާންސްޕްލާންޓް ކުރުމެވެ. މީގެ ސަބަބުން ހަށިގަނޑަށް އާދައިގެ ރެޑް ބްލަޑް ސެލްތައް އުފެއްދުމުގެ ގާބިލުކަން ލިބިގެންދެއެވެ.

ކާމިޔާބުކަމާއެކު ބޯންމެރޯ ހެދުމުން ބަލި މީހާގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެ، ގަވާއިދުން ލޭ އެޅުމަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަވެގެންދެއެވެ. އަދި ބަލީގެ ސަބަބުން ކުރިމަތިވެދާނެ ދިގު މުއްދަތުގެ ނުރައްކާތަކުން ބަލިމީހާ ސަލާމަތްކޮށްދެއެވެ.

އާބާދީގެ ނިސްބަތުން ރާއްޖެއަކީ ތެލެސީމިއާ ކުދިން ގިނަ ގައުމަކަށް ވުމާއެކު، އެފަދަ ކުދިންނަށް ދޭ ހިދުމަތްތައް ހަރުދަނާކޮށް، ފަރުވާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވައެވެ.

ގުޅުންހުރި ލިޔުންތައް