- Advertisement -spot_img

މިދިޔަ މަހު އާއިލާއާ ގުޅުންހުރި 269 މައްސަލައެއް ރިޕޯޓްކުރި

މިދިޔަ މެއި މަހުގެ ތެރޭގައި އާއިލާއާ ގުޅުންހުރި 260 އަށްވުރެ ގިނަ މައްސަލަ ރިޕޯޓްކޮށްފައިވާ ކަމަށް ފެމިލީ އެންޑް ވެލްފެއަރ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މީގެ ތެރޭގައި އެންމެ ގިނައީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ މައްސަލަތަކެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް ފެމިލީ މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން، އެކި ކަހަލަ އަނިޔާގެ 81 މައްސަލަ ކުޑަކުދިންނާ ގުޅޭގޮތުން ހުށައަޅާފައިވެ އެވެ. މީގެ ތެރޭގައި ހިމެނެނީ 38 ފިރިހެން ކުދިންނާއި 43 އަންހެން ކުދިންނެވެ.

ތަފްސީލަށް ބަލާއިރު، ޖިންސީ އަނިޔާގެ 25 މައްސަލަ، އިޙުމާލުވުމުގެ 19 މައްސަލަ، އަދި ނަފްސާނީ އަނިޔާގެ 12 މައްސަލަ ހިމެނެއެވެ. މީގެ އިތުރުން ޖިސްމާނީ އަނިޔާއާއި، ހަނގާ ކުރުމާއި، އިންޓަނެޓް މެދުވެރިކޮށް ކުރާ އެކި ކަހަލަ މައްސަލަތައް ވެސް ވަނީ ރިޕޯޓްކޮށްފަ އެވެ.

މެއި މަހު އަހުލާގީ މައްސަލަތަކުގެ ގޮތުގައި 44 މައްސަލަ މިނިސްޓްރީއަށް ހުށައަޅާފައިވާއިރު، ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާގެ 36 މައްސަލަ ވަނީ ހުށައަޅާފަ އެވެ. އަދި އާއިލީ މައްސަލަތަކުގެ ގޮތުގައި 30 މައްސަލަ ހުށައަޅާފައިވާއިރު، އެހެނިހެން ބާވަތުގެ މައްސަލަތަކުގެ ގޮތުގައި 58 މައްސަލަ ހިމެނޭ ކަމަށް މިނިސްޓްރީން ބުނެއެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް އާއިލީ މާހައުލެއް ހޯދައިދިނުމަށް ކުރާ މަސައްކަތުގެ ދަށުން، މިދިޔަ މަހު ވަނީ 3 ކުއްޖަކު އަލުން އާއިލާގެ ބެލުމުގެ ދަށަށް ބަދަލުކޮށްފަ އެވެ. މީގެ އިތުރުން އެއް ކުއްޖަކު ވަނީ ފޯސްޓަރކޮށްފައެވެ.

މިނިސްޓްރީގެ ހެލްޕްލައިންއަށް މިދިޔަ މަހު 3000 އަށްވުރެ ގިނަ ކޯލު ކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. ފާހަގަކޮށްލެވޭ ގޮތުގައި މީގެ ތެރެއިން 71 ކޯލަކީ ކުޑަކުދިން އަމިއްލައަށް ގުޅައިގެން ހުށައަޅާފައިވާ މައްސަލަތަކެވެ.

ގުޅުންހުރި ލިޔުންތައް