- Advertisement -spot_img

ދިގަގިލި އާއި އާއްޓޭގެ ޝަރީއަތް މިއަދު ބާއްވަނީ

ގަވާއިދާ ޚިލާފަށް އެތެރެކޮށް ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި 13 މިލިއަން ސިނގިރޭޓު ވަގަށް ނެގި މައްސަލައިގައި ދައުވާ ލިބޭ 10 މީހެއްގެ ޝަރީއަތުގެ ދެވަނަ އަޑުއެހުން މިއަދު ކްރިމިނަލް ކޯޓުގައި ބާއްވަން ތާވަލުކޮށްފިއެވެ.

ސިނގިރޭޓު ވަގަށް ނެގި މައްސަލައިގެ އިބްތިދާއީ އަޑުއެހުންތައް މީގެ މަހެއްހާ ދުވަސް ކުރިން ފެށިފައިވާއިރު، މިއަދު މެންދުރު އެކެއް ޖަހާއިރު އޮތް އަޑުއެހުމުގައި ކުރިއަށްދާނީ މި މައްސަލައިގެ އިބްތިދާއީ މަރުހަލާގެ ކަންކަމެވެ. މި މައްސަލައަކީ ގައުމީ ފެންވަރުގައި ބޮޑު ސަމާލުކަމެއް ލިބިފައިވާ މައްސަލައަކަށްވާއިރު، ޝަރީއަތުގެ މަޖިލިސްތައް ކުރިއަށްދަނީ ކްރިމިނަލް ކޯޓުގެ ސަމާލުކަމުގެ ދަށުންނެވެ.

މި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވާއިރު، އޭގެ ތެރޭގައި ލޮޓަސް ފިހާރައިގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އާއި އެޕޯލޯ ހޯލްޑިންސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) ހިމެނެއެވެ. މި ފަރާތްތަކުގެ މައްޗަށް ކުރަނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމަށް ރޭވުމާއި، ވައްކަން ކުރުމަށް ރޭވުމުގެ އިތުރުން ވައްކަން ކުރުމުގެ ކުށުގެ ދައުވާއެވެ. ކުރިން ހައްޔަރުކުރި މި ދެ ވިޔަފާރިވެރިން ފަހުން ބަންދުން ދޫކޮށްލާފައިވަނީ ޝަރުތުތަކަކާ އެކުގައެވެ. ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި، މި ދެ ފަރާތް ބަންދުން ދޫކޮށްލީ އެ މީހުންގެ މައްޗަށް ކުރެވޭ ތުހުމަތަކީ މި ކުށް ކުރުމަށް ރޭވުން ކަމަށްވާއިރު، މި ވައްކަން ކުރުމުގައި ޢަމަލީގޮތުން ބައިވެރިވެފައިވާކަމުގެ ހެކި ލިބިފައި ނުވާތީއެވެ.

ފުލުހުންގެ ތަހުގީގުން ހާމަވި ގޮތުގައި، މި ވައްކަން ހިންގާފައިވަނީ ސިނގިރޭޓު ހުރި ކޮންޓެއިނަރުތަކާ އެއްގޮތް ކޮންޓެއިނަރުތަކެއް ކުރިން ތައްޔާރުކޮށްގެންނެވެ. އެމްޕީއެލް ޓާމިނަލްގައި ބަހައްޓާފައި ހުރި އަސްލު ސިނގިރޭޓު ކޮންޓެއިނަރުތައް ވަގަށް ނެރެ، އެ ތަކެތި ދޯންޏަކަށް އަރުވައިގެން ތިލަފުއްޓަށް ގެންގޮސްފައިވެއެވެ. މިކަމުގައި ބޭނުންކުރި ދޯނީގެ ނަމާއި ރަޖިސްޓްރީ ނަންބަރުވެސް ބަދަލުކޮށްފައިވާކަން ފުލުހުންގެ ތަހުގީގަށް ވަނީ ފާހަގަކުރެވިފައެވެ. އަދި ތިލަފުށީގައި އެ ކޮންޓެއިނަރުތައް ހަލާކުކޮށްލުމަށްފަހު، އެތަކެތީގެ ބައިތައް ހުރި ތަން ފުލުހުން ވަނީ ހޯދާފައެވެ.

ގުޅުންހުރި ލިޔުންތައް