- Advertisement -spot_img

އަނެއްކާވެސް ހިމަބިހީގެ އިތުރު ފަސް ކޭސް ފެނިއްޖެ

މި އަހަރުގެ މިހާތަނަށް ހިމަބިހީގެ 20 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށާ މިދިޔަ ހަފްތާގައި ވެސް ހިމަބިހީގެ އިތުރު ފަސް ކޭސް ފެނިފައިވާ ކަމަށް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.

އެ އެޖެންސީން މިއަދު ވަނީ ހިމަބިހީގެ އަދާހަމަ ހާމަކޮށްފަ އެވެ. އެ އެޖެންސީން ބުނީ މި އަހަރުގެ މިހާތަނަށް ހިމަބިހީގެ ޖުމްލަ 20 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށާ މިވަގުތު ފަސް ކޭސްގެ އިންވެސްޓިގޭޝަން ދަނީ ކުރެވެމުން ކަމަށެވެ. އެއީ މިދިޔަ ހަފްތާގައި ފެނުނު ފަސް ކޭހެވެ. ޕޮޒިޓިވްވީ މީހުންގެ ތެރޭގައި ގިނައީ 18 އަހަރުން މަތީގެ މީހުންނެވެ.

ބައްޔަށް ޕޮޒިޓިވްވީ މީހުންގެ ތެރޭގައި ގިނައީ ދިވެހީން ކަމަށާ ހިމަބިހީގެ ކޭސްތަކާއި ގުޅިގެން 489 ކޮންޓެކްޓުން ފާހަގަކުރެވިފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ. މީގެ ތެރެއިން އެކްޓިވް 88 ކޮންޓެކްޓުން ދަނީ މޮނިޓާކުރަމުންނެވެ.

އެޗްޕީއޭއިން ވަނީ ހުންއައިސް، ގައިގައި ރަތް ބިހިތަކެއް ނަގައިފިނަމަ ލަސްނުކޮށް ޞިއްޙީ ފަރުވާ ހޯދުމަށާއި، އަދި ފަރުވާ ހޯދަން އަންނައިރު އިރު މާސްކު އަޅަން ހަނދާންކޮށްދީފައެވެ.

އަދި ހިމަބިސަށް ޝައްކުވެގެން ޓެސްޓް ހަދައިފިނަމަ ނަތީޖާ ލިބެންދެން އެކަހެރިވެގެން ހުރުމަށާއި ބަލީގެ އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން ވެސް ވަނީ އިލްތިމާސް ކޮށްފައެވެ.

މި ބަލި ޖެހިއްޖެނަމަ ފުރަތަމަ ބިހިތައް ނަގާނީ މޫނާއި ކަރުގަ އެވެ. އެއަށްފަހު މޭމަތި، ބުރަކަށި،އަތުގައި އަދި ފައިގައި ބިހިތައް ނަގައެވެ.

ހިމަބިހި ޖެހިފައިވާ މީހަކު ކެއްސާ ކިނބިހި އެޅުމުން ވައިގެތެރެއަށް ވައިރަސް ފެތުރިގެން ދިއުމުން، ބަންދު ތަނެއްގައި ނަމަ 2 ގަޑިއެއްހާއިރު ވަންދެން ވައިގެ ތެރޭގައި ހުންނާނެ އެވެ. އަދި ވައިރަސް އަސަރު ހުރި ތަނެއްގައި އަތްލުމަށްފަހު ލޮލާއި ނޭފަތާއި އަނގައިގައި އަތްލުމުން އެ ބަލި ޖެހުމުގެ ފުރުސަތު އޮންނާނެއެވެ.

މީގެއިތުރުން ބައްޔާއި ދެކޮޅަށް ދިފާއީ ބާރު ނެތް މީހުން އަދި މީސްލްސް ވެކްސިންގް 2 ޑޯޒް ފުރިހަމަކޮށްފައި ނުވާ ފަރާތްތަކަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ.

ހިމަބިހި ޖެހިފައިވާ މީހެއްގެ ފަރާތުން އެހެން މީހަކަށް ބަލި ފެތުރިގެން ދާނީ ބިހި ނެގުމުގެ 4 ދުވަސް ކުރިން އަދި ބިހި ނެގުމުގެ 4 ދުވަސް ފަހުންނެވެ.

ގުޅުންހުރި ލިޔުންތައް