spot_img

މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން ޖަޕާނާއެކު ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރައްވައިފި

ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަދި ޖަޕާނުގެ އެގްރިކަލްޗަރ މިނިސްޓަރު މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންދަވައިފިއެވެ.

ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހުމަދު މަހުލޫފު، ޖަޕާނުގެ އެގްރިކަލްޗަރ، ފޮރެސްޓްރީ އެންޑް ފިޝަރީޒް މިނިސްޓަރު ނޮރިކަޒޫ ސުޒުކީއާ ބައްދަލުކުރައްވައި، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ކުރައްވައިފިއެވެ. މިއީ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާކުރުމުގެ މަޤުޞަދުގައި ބޭއްވެވި ބައްދަލުވުމެކެވެ.

ޖަޕާނަކީ ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ތަރައްޤީކުރުމުގައި ވަރަށް ގާތް ބައިވެރިއެއްކަން ފާހަގަކުރައްވައި، ފަންނީ ދާއިރާއިންނާއި އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށް އެ ޤައުމުން ވެދެމުންދާ އެހީތެރިކަމަށް ސަފީރު ވަނީ އަލިއަޅުއްވާލައްވާފައެވެ. ރާއްޖެއާއި ޖަޕާނާ ދެމެދު ރަސްމީކޮށް ޚާރިޖީ ގުޅުން ޤާއިމުކުރުމުގެ ކުރިންވެސް، ޖަޕާނުގެ މަސްވެރިކަމުގެ ތަޖުރިބާކާރުން ރާއްޖެއަށް ޒިޔާރަތްކޮށް އެހީތެރިކަން ފޯރުކޮށްދީފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިނިސްޓަރުގެ އަރިހަށް ކުރެއްވި އިޙްތިރާމުގެ މި ޒިޔާރަތުގައި، ކުރިއަށް އޮތް ތާނގައި ދަނޑުވެރިކަމާއި މަސްވެރިކަމުގެ ދާއިރާއިން އިތުރު ފުރުޞަތުތައް ހޯދުމާ ގުޅޭގޮތުން ދެބޭފުޅުން ވަނީ ވާހަކަފުޅު ދައްކަވާފައެވެ. މީގެ އިތުރުން އަންނަ އަހަރަކީ ދެ ޤައުމުގެ ދެމެދުގައި ޚާރިޖީ ގުޅުން ޤާއިމުކުރިތާ ފަސްދޮޅަސް އަހަރު ފުރޭ މުނާސަބަތު ކަމަށްވުމާއެކު، މި ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށް ދެ ޤައުމުންވެސް ވަނީ އެއްބަސްވެފައެވެ.

spot_img

ގުޅުންހުރި ލިޔުންތައް