- Advertisement -spot_img

ސްޕީޑު އަވަސްކޮށް 2645 މަޝްރޫއުއެއް ކުރިޔަށް ގެންދާނެ ގޮތް ސަރުކާރުން ރާވައިފި

ކުރިޔަށް އޮތް ދެ އަހަރުގެ ތެރޭގައި 2645 މަޝްރޫއެއް ކުރިޔަށް ގެންދާނެ ގޮތް ކެބިނެޓުން މިއަދު ނިންމާފައިވާ ކަމަށާއި މަޝްރޫއުތަކުގެ ސްޕީޑް އަވަސް ވެގެންދާ ތަން ވެސް ފެންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދ. މީދޫ ކައުންސިލް ޕީއެންސީ އަށް ކާމިޔާބުވުމުގެ މުނާސަބަތުގައި ރޭ އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މެދުއިރުމަތީގައި ހިނގާ ހަނގުރާމަ އާ ގުޅިގެން ބައެއް ތަރައްގީގެ މަޝްރޫއުތައް މަޑު ޖެހުނު ކަމަށާއި ކޮންސްޓްރަކްޝަން ސާމާނު ލިބުން ދަތިވުން ފަދަ ކަންކަން ސަރުކާރާއި އަމިއްލަ ކުންފުނިތަކަށް ވެސް ދިމާވި ކަމަށެވެ.

ނަމަވެސް މިހާރު އެ ހާލަތު މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށާއި ކުރިޔަށް އޮތް ތަނުގައި މަޝްރޫއުތައް ބާރު ސްޕީޑެއްގައި ދާތަން ފެންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

”މިއަދު އަޅުގަނޑުމެން ވާނީ ކެބިނެޓުގައި މަޝްވަރާކޮށް ހުރިހާ މަޝްރޫއުތަކުގެ ތަރުތީބު ކަނޑައަޅާ ނިންމާފައި.“ ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި ކެބިނެޓުން އިއްޔެ ނިންމީ ކުރިޔަށް އޮތް ދުވަސްތަކުގައި 2645 މަޝްރޫއެއް ގެންދާނެ ގޮތެވެ. އެގޮތުން މި އަހަރު ގެންދާނީ ކޮން މަޝްރޫއުތަކެއްތޯ އާއި އަންނަ އަހަރަށް އިސްކަން ދޭނީ ކޮން ކަންތައްތަކެއް ކަން ނިންމާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެ ހުރިހާ މަޝްރޫއެއް ސަރުކާރުން ކުރިޔަށް ގެންދާނީ ރާއްޖޭގެ ދަރަންޏާއި މާލީ ހާލަތަށް ބަލައިގެން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް