ވޯލްޑް ކަޕްގައި އަލަށް ވާދަކުރާ ކުރަސާއޯ އަތުން 7-1 ގެ ބޮޑު ތަފާތަކުން ޖަރުމަނު މޮޅުވެއްޖެއެވެ.
މެޗުގެ 6 ވަނަ މިނެޓުގައި ފީލިކްސް އެންމެޗާ ޖަރުމަނަށް ލީޑު ނަގައިދީފައި ވަނިކޮށް، ކުރަސާއޯގެ ލިވާނޯ ކޮމެނެންސިއާ ވަނީ 21 ވަނަ މިނެޓުގައި ލަނޑެއް ޖަހައި ނަތީޖާ އެއްވަރުކޮށްފައެވެ. މިއީ ވޯލްޑް ކަޕްގެ ތާރީޚުގައި އެ ގައުމުން ޖެހި ފުރަތަމަ ލަނޑެވެ. ނަމަވެސް، 38 ވަނަ މިނެޓުގައި ނިކޯ ޝްލޮޓަބެކް ޖެހި ލަނޑާއެކު ޖަރުމަނުން އަލުން ލީޑު ހޯދިއެވެ.
ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން ހަވާޓްޒް ވަނީ ޖަރުމަނުގެ ތިންވަނަ ލަނޑު ޖަހައިދީފައެވެ. ދެވަނަ ހާފު ފެށިގެން މާގިނަ އިރުތަކެއް ނުވަނީސް ޖަމާލް މުސިއާލާ ވަނީ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. އޭގެ ފަހުން ނަތަނިއަލް ބްރައުން އާއި ޑެނިޒް އުންޑާވް ވެސް ވަނީ ލަނޑު ޖަހާފައެވެ. ޖަރުމަނުގެ ފަހު ލަނޑު 88 ވަނަ މިނެޓުގައި ޖަހައިދިނީ ހަވާޓްޒްއެވެ.
މި މެޗަކީ ތާރީޚީ ގޮތުން ފާހަގަކޮށްލެވޭ މެޗެކެވެ. ކުރަސާއޯގެ ކޯޗު އުމުރުން 78 އަހަރުގެ ޑިކް އެޑްވޮކާޓް އަކީ ވޯލްޑް ކަޕްގައި އިރުޝާދުދޭ އެންމެ ދުވަސްވީ ކޯޗެވެ. އަނެއްކޮޅުން ޖަރުމަނުގެ ކޯޗު ޖޫލިއަން ނާގަލްސްމަން އަކީ މި މުބާރާތުގެ އެންމެ ޒުވާން ކޯޗެވެ. މީގެ އިތުރުން، މިއީ ޖަރުމަނުގެ ގޯލްކީޕަރު މެނުއަލް ނޯޔާ ގައުމީ ޓީމަށް އެނބުރި އައި ފަހުން ކުޅުނު ފުރަތަމަ މެޗެވެ.
ޖަރުމަނު ދެން ބައްދަލުކުރާނީ އައިވަރީ ކޯސްޓާއެވެ. އެ މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހު ޓޮރޮންޓޯގައެވެ. ހަމަ އެ ދުވަހު ކުރަސާއޯ ނުކުންނާނީ އެކުއެޑޯއާ ދެކޮޅަށެވެ.



