އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، މެލޭޝިޔާގެ ރިލިޖަސް އެފެއާޒް މިނިސްޓަރ ޑރ. ޛުލްކިފްލި ބިން ހަސަންއާއި ބައްދަލުކުރައްވައިފިއެވެ.
މެލޭޝިޔާގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެއިން މެލޭޝިޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. މަރިޔަމް ޝަބީނާއާއި، މެލޭޝިޔާގެ ރިލިޖަސް އެފެއާޒް މިނިސްޓްރީގެ އިސް ބޭފުޅުން ބައިވެރިވެލައްވާފައިވެއެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ، މެލޭޝިޔާއިން ދިވެހިރާއްޖޭގެ އިސްލާމީ އަދި ތަޢުލީމީ ކަންކަމުގައި ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށް މެލޭޝިޔާގެ ބޮޑު ވަޒީރަށާއި ސަރުކާރުގެ އިސްވެރިންނަށް ޝުކުރު އަދާކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ވުޒާރާއާއި މެލޭޝިޔާގެ ރިލިޖަސް އެފެއާޒް މިނިސްޓްރީ ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައިވެއެވެ. އެގޮތުން ޒަކާތާއި، ޙައްޖާއި ޢުމްރާ، އައުޤާފް އަދި އިމާމުންނާއި ޚަޠީބުން ތަމްރީން ކުރުމާއި ޤުރުއާން ޢިލްމު ފެތުރުމަށް ގުޅިގެން ކުރެވިދާނެ ކަންކަމާއި ގުޅޭ ގޮތުން ވަނީ މަޝްވަރާ ކުރެވިފައެވެ.
މީގެ އިތުރުން އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އޮފް މެލޭޝިޔާގެ ސަބަބުން ދިވެހިރާއްޖެއަށް ޢިލްމީ ގޮތުން ލިބެމުންދާ ކުރިއެރުންތަކާއި އަދި އެ ޔުނިވާސިޓީގެ ކަންކަމުގައި މެލޭޝިޔާގެ ފަރާތުން ދެއްވާ އެހީތެރިކަމަށް ވަޒީރު ޑރ. ޝަހީމް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ދެ ޤައުމުގެ ވުޒާރާ ގުޅިގެން ކުރެވިދާނެ މުހިއްމު މަސައްކަތްތަކާއި ގުޅޭ ގޮތުން ޚާއްސަ ފަހުމުނާމާއެއްގައި ސޮއިކުރުމަށް މި ބައްދަލުކުރެއްވުމުގައި ވަނީ މަޝްވަރާ ކުރަައްވާފައެވެ. އަދި ވަޒީރު ޑރ. ޝަހީމް ވަނީ މެލޭޝިޔާގެ ރިލިޖަސް އެފެއާޒް މިނިސްޓަރ ހިޒް އެކްސެލަންސީ ޑރ. ޛުލްކިފްލި ބިން ހަސަނަށް ދިވެހިރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ދަޢުވަތު ދެއްވާފައެވެ.
އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މެލޭޝިޔާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ، މުސްލިމް ވޯލްޑް ލީގުގެ ދައުވަތަކަށް އިންޓަނޭޝަނަލް ރިލިޖަސް ލިޑާސް ސަމިޓުގައި ބައިވެރިވެލެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.



