- Advertisement -spot_img

ވޯލްޑް ކަޕް: ކެނެޑާ އަދި ބޮސްނިއާ މެޗު އެއްވަރު

ފީފާ ވޯލްޑް ކަޕް 2026 ގައި ބޮސްނިއާ އާއި ކެނެޑާ ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެގެން ނިމިއްޖެއެވެ.

ކެނެޑާގެ ޓޮރޮންޓޯގެ ބީއެމްއޯ ފީލްޑްގައި މިރޭ ކުޅުނު ގްރޫޕު ބީގެ މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ބޮސްނިއާ އިންނެވެ. އެގޮތުން މެޗުގެ 21 ވަނަ މިނެޓްގައި ކޯނަރެއްގައި ކެޕްޓަން ކޮލަސިނަޗް ބޮލުން ޖައްސާލި ބޯޅަ، ޖޮވޯ ލުކިޗް ވަނީ ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިފައެވެ.

ބޮސްނިއާގެ ގޯލަށްފަހު ކެނެޑާއަށް ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް، ފުރަތަމަ ހާފުގައި ބޮސްނިއާގެ ގޯލަށް މާބޮޑު ނުރައްކަލެއް ކުރެވިފައެއް ނުވެއެވެ.

މެޗުގެ 54 ކެނެޑާއަށް ނަތީޖާ ހަމަހަމަކުރުމަށް ކެނެޑާއަށް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. ޔުސްޓާކިއޯ ދިން ބޯޅަ، ރީތިކޮށް ޑިފެންޑަރު ކައިރިން ނައްޓާލުމަށްފަހު، ކެނެޑާގެ ރިޗީ ލަރްޔޭ ފޮނުވާލި ހަމަލާ، ގޯލު ކުރިމަތިން ބޮސްނިއާގެ ކެޕްޓަން ކޮލަސިނަޗް ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ. އޭނާ ދިފާއުކުރުމަށް ފޮނުވާލި ބޯޅަ ގޯލުގެ ހުރަސް ދަނޑީގައި ޖެހި ވަނީ ސަލާމަތްވެފައެވެ.

އޭގެ މިނެޓެއް ފަހުން ބޮސްނިއާއަށް ލީޑު ފުޅާކޮށްލުމަށް ހުސް ފުުރުސަތެއް ލިބިގެންދިޔައެވެ. ލުކިޗް ދިން ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ބޮސްނިއާގެ އެރްމެޑިން ޑެމިރޮވިޗް ފޮނުވާލި ހަމަލާ، ކެނެޑާގެ ކީޕަރު މެކްސިމް ކްރެޕެއޫ ވަނީ މަތަކޮށްފައެވެ.

މެޗުގެ 66 ވަނަ މިނެޓުގައި ކެނެޑާއަށް އިތުރު ފުރުސަތެއް ލިބިގެންދިޔައެވެ. ޝަފެލްބާގް ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ކެނެޑާ ފޯވަޑް އޮލުވަސޭ ބޮލުން ފޮނުވާލި ހަމަލާ، ގޯލު ލައިން މަތިން ބޮސްނިއާ ޑިފެންޑަރު ނިކޮލާ ކަޓިޗް ވަނީ ދިފާއުކޮށްފައެވެ.

ކެނެޑާއަށް ނަތީޖާ އެއްވަރުކޮށްދިނީ މެޗުގެ 78 ވަނަ މިނެޓުގައި ކައިލް ލެރިންއެވެ. އޭނާ އެ ގޯލު ކާމިޔާބުކުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތްތާ މާގިނައިރުތަކެއް ނުވަނީހެވެ. އަދި މެޗުގެ އެންމެ ފަހު ވަގުތުކޮޅުތެރޭ މެޗުން މޮޅުކޮށްދޭން ވެސް ލެރިން އަށް ރަނގަޅު ފުރުސަތެއް ލިބުނުއިރު، އޭނާ ފޮނުވާލި ހަމަލާ ބޮސްނިއާގެ ޑިފެންޑަރުން ވަނީ ބްލޮކްކޮށްފައެވެ.

ގްރޫޕު ބީގައި ކެނެޑާ އާއި ބޮސްނިއާގެ އިތުރުން ދެން ހިމެނެނީ ސްވިޒަލެންޑާއި ގަތަރެވެ. ގަތަރާއި ސްވިޒަލެންޑް ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރާއްޖޭގަޑިން މާދަމާ ރޭ 12:00 ގައެވެ.

ގުޅުންހުރި ލިޔުންތައް