ދިވެހިރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު އިންޑިއާއާ ދެކޮޅަށް އަންނަ ބުދަ ދުވަހު ކުޅޭ އެކުވެރިކަމުގެ މެޗާއި، އޭއެފްސީ އޭޝިއަން ކަޕްގެ ކޮލިފައިންގައި މިމަހުގެ ފަހުކޮޅު ފިލިޕީންސްއާ ދެކޮޅަށް ކުޅެން ތައްޔާރުވަމުން އަންނަ ޓީމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ހިތްވަރުދެއްވައިފިއެވެ.
އިންޑިއާ އަށް ފުރުމުގެ ކުރިން ބޭއްވި އެންމެ ފަހުގެ ފަރިތަކުރުންތަކުގައި ޤައުމީ ޓީމާ ބައްދަލުކުރައްވާ ވަޒީރު ރާފިޢު ވަނީ ފުޓްބޯޅަ ސީޒަން ނުފެށި އޮތް ދަނޑިވަޅެއްގައި ޤައުމީ ޓީމެއް އެކުލަވާލަން ޖެހުނުނަމަވެސް، ކުޅުންތެރިންނާއި ކޯޗުންގެ ފާރާތުން ލިބެމުން އަންނަ އެއްބާރުލުން ފާހަގަކުރައްވާފައެވެ.

މި ސަރުކާރުން ވެރިކަމާއި ހަވާލުވިއިރު އެފްއޭއެމް ވަނީ ކަރަޕްޝަންގެ ބޮޑު ހާއްޔަކަށްވެ ފުޓުބޯޅަ މުބާރާތްތައް ނުބޭއްވޭވަރަށް އެތަނުގެ ހިންގުން ދޯދިޔާ ވެފައެވެ. މާލި ގޮތުން ލިބިފައިވާ މިބޮޑު ގެއްލުމުން އަރައިގަތުމަށާއި ފުޓުބޯޅަ ކުރިއެރުވުމަށް މިސަރުކާރުން ވަނީ އެފްއޭއެމްގެ ހިންގުން ނޯމަލައިޒޭޝަން ކޮމިޓީއާ ހަވާލުކޮށްފައެވެ.
ފީފާ އާއި އޭއެފްސީގެ އެހީތެރިކަމާއިއެކު އެފްއޭއެމްގެ ހިންގުން ހަރުދަނާކުރުމުގެ މަސައްކަތްކުރަމުން އަންނައިރު، ސަރުކާރުންވެސް އަންނަނީ އެފްއޭއެމަށް ގިނަ އެހީތަކެއް ފޯރުކޮށްދެއްވަމުންނެވެ.
މިގޮތުން ކުލަބުތަކަށް މާލީ ގޮތުން އެހީތެރިކޮށްދެއްވައި، އާ ފުޓްބޯޅަ ސީޒަން ފެށުމަށް އެފްއޭއެމުން ކުރަމުން އަންނަ މަސައްކަތުގައިވެސް ސަރުކާރުން އަންނަނީ އެހީވަމުންނެވެ.
ޤައުމީ ފުޓްބޯޅަ ޓީމްގެ ކުޅުންތެރިންނާ ބައްދަލުކުރައްވާ ވަޒީރު ރާފިޢު ވަނީ ޤައުމީ ޓީމް ތަމްސީލްކުރަން ލިބޭ ކޮންމެ ފުރުސަތެއްގައިވެސް ކުޅިވަރުގެ ރީތި އަހުލާގާއި، ޤައުމީ ރޫހާއިއެކު ކުޅުމަށް، ކުޅުންތެރިންގެ ކިބައިން ވަޒީރު ވަނީ އެދިފައެވެ.