ރޭ ދަންވަރު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހަރަކާތްތެރިވި ’ޕޮލިސް ލޯންޗު 57‘ އިން ގެއްލުނު ފުލުސް އޮފިސަރުގެ ހަށިގަނޑު މޫދު އަޑިން ފެނިއްޖެއެވެ.
ފުލުހުން ބުނީ އެ ހާދިސާ ސަމާލުކަމަށް އައުމާ އެކު އޭނާ ހޯދުމުގެ މަސައްކަތް ވަގުތުން ފެށި ކަމަށެވެ. ”އެގޮތުން ހޯދުމުގެ މަސައްކަތުގެ ތެރެއިން އެ ފުލުސް މީހާ މޫދު އަޑިން ވަނީ ފެނިފައެވެ. އަދި އޭނާގެ ހަށިގަނޑު މިހާރު ވަނީ އއ. މަތިވެރި ސިއްހީ މަރުކަޒަށް ގެންގޮސްފަ އެވެ،“ ފުލުހުންގެ މީޑިއާއިން ބުނެފައިވެއެވެ.
ސިއްހީ މަރުކަޒާ ހަވާލާދީ ފުލުހުން ބުނި ގޮތުގައި އެތަނަށް ގެންދިޔައިރު ވެސް އޭނާ ވަނީ މަރުވެފައެވެ.
ފުލުހުން އަންނަނީ އޭނާގެ އާއިލާއަށާއި އެކުގައި މަސައްކަތް ކުރި މުވައްޒަފުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
އެ މަސައްކަތުގައި އާންމުންގެ ފަރާތުން ލިބުނު އެހީތެރިކަން ވެސް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.
އެ ހާދިސާ އިތުރަށް ތަހުގީގު ކުރަމުން އަންނައިރު، މަރުވި ފުލުސް އޮފިސަރުގެ ވަނަވަރާއި އެ ހާދިސާ ހިނގި ގޮތުގެ ތަފްސީލު ފުލުހުން ހާމައެއް ނުކުރެއެވެ.



