ރާއްޖެއިން މި އަހަރު ހައްޖަށް ދިޔަ މީހުންގެ ތެރެއިން ތިންވަނަ ގްރޫޕް ރޭ އެނބުރި އަތުވެއްޖެއެވެ.
ޙައްޖާޖީންގެ ތިންވަނަ ގްރޫޕްގައި 271 މީހަކު ރާއްޖެ އައިސްފައިވެއެވެ. ދިވެހި ހައްޖުވެރިންގެ ފަހު ގްރޫޕް އަންނާނީ މާދަމާ އެވެ.
މިއަހަރު ރާއްޖެއިން ޖުމްލަ 1،019 މީހަކު ހައްޖަށް ދިޔަ އެވެ. އެ އެންމެންގެ ވެސް ހާލު ރަނގަޅު ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.
މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ދިވެހި ޙައްޖުވެރިން މާލެއިން މައްކާއަށް ފުރާފައިވަނީ މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ސަޢުދީ ޢަރަބިއްޔާގެ އިމިގްރޭޝަންގެ ހުރިހާ މަރުޙަލާއެއް ފުރިހަމަކުރުމަށްފައެވެ.
މައްކާ ރޫޓް އިނިޝިއޭޓިވްގައި ދިވެހިރާއްޖެ ހިމަނައިދިނުމަށް ސައުދީ އަރަބިއްޔާގެ ސަރުކާރުން ނިންމީ 1446 ވަނަ އަހަރުގެ ހައްޖު މޫސުމުގައެވެ. މި އިނިޝިއޭޓިވްގައި އާއްމުކޮށް ހިމަނަނީ ގިނަ އަދަދެއްގެ މީހުން ހައްޖަށް ފޮނުވާ ގައުމުތަކެވެ.



