- Advertisement -spot_img

އިމާރާތްކުރުމުގެ ޤާނޫނަށް ކައުންސިލްތަކުގެ މުވައްޒަފުން އަހުލުވެރިކުރުވުމުގެ ޕްރޮގްރާމެއް ފަށައިފި

މާރާތްކުރުމުގެ ޤާނޫނާއި (ޤާނޫނު ނަންބަރު: 4/2017) އެ ޤާނޫނުގެ ދަށުން އެކުލަވާލައިފައިވާ ގަވާއިދުތަކަށް ރަށު ކައުންސިލްތަކުގެ މުވައްޒަފުން އަހުލުވެރިކުރުވުމުގެ ޚާއްޞަ ޕްރޮގްރާމެއް އިއްޔެ ރަސްމީކޮށް ފަށައިފިއެވެ.

ހައުސިންގ މިނިސްޓްރީން ކުރިއަށްގެންދާ މި ޕްރޮގްރާމް މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. މިއީ ސަރަޙައްދީ ފެންވަރުގައި ބަހާލައިގެން ކ.، ވ.، އދ.، އއ.، ޅ. އަދި ބ. އަތޮޅުގެ ރަށު ކައުންސިލްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަމާޒުކޮށްގެން ފެށި ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ ރަށްރަށުގައި ހިންގޭ އިމާރާތްކުރުމުގެ މަޝްރޫޢުތައް ބެލެހެއްޓުމުގައި ކައުންސިލްތަކުގެ ދައުރު ހަރުދަނާކުރުމެވެ. އެގޮތުން އިމާރާތްކުރުމުގެ ހުއްދަ ނެގުމުގެ މަރުޙަލާތަކާއި، ކުރެހުންތައް ހުށަހަޅައި ފާސްކުރުމުގެ އުސޫލުތަކުގެ އިތުރުން، އެކި ޕްރޮޖެކްޓްތަކަށް ލައިސަންސް ދިނުމުގައި ޢަމަލުކުރާނެ ގޮތްތަކުގެ ތަފްޞީލީ މަޢުލޫމާތު މުވައްޒަފުންނަށް ފޯރުކޮށްދެވޭނެއެވެ.

މީގެ އިތުރުން، އިމާރާތްކުރުމުގެ ދާއިރާއާ ގުޅުންހުރި މުހިންމު ފަންނީ ގަވާއިދުތަކަށްވެސް މި ޕްރޮގްރާމްގެ ތެރެއިން އަލިއަޅުވާލާނެއެވެ. އޭގެ ތެރޭގައި އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރުމާއި އުފެއްދުން ކޮންޓްރޯލްކުރުމުގެ ގަވާއިދާއި، ސައިޓުތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ އުސޫލުތައް ހިމެނެއެވެ. ހަމައެއާއެކު، ލޭންޑް ޔޫސް ޕްލޭނެއް ނުވަތަ ޕްލޭނިންގ ގަވާއިދެއް ނެތް ރަށްރަށާއި ފަޅުފަޅުގައި އިމާރާތް ކުރާނެ ގޮތުގެ ގަވާއިދާއި، ގަވާއިދާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ގޮތްތަކާއި ކޮންޓްރެކްޓަރުންގެ ބޮލުގައި އެޅޭ ޒިންމާތަކަށް މުވައްޒަފުން ހޭލުންތެރިކުރުވުން ހިމެނެއެވެ.

މި ޕްރޮގްރާމަކީ އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި އާންމު ރައްޔިތުން މި ދާއިރާގެ ޤާނޫނީ އޮނިގަނޑަށް އަހުލުވެރިކުރުވުމަށްޓަކައި، މިނިސްޓްރީން ސިލްސިލާކޮށް ކުރިއަށްގެންދާ ޤައުމީ ހަރަކާތްތަކުގެ ތެރެއިން ހިންގޭ މަސައްކަތެކެވެ.

ގުޅުންހުރި ލިޔުންތައް