- Advertisement -spot_img

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފ. ދަރަނބޫދޫ ފުޓްސަލް ދަނޑު ހުޅުއްވައިދެއްވައިފި

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ފ. ދަރަނބޫދޫ ފުޓްސަލް ދަނޑު ހުޅުއްވައިދެއްވައިފިއެވެ.

އެކަމަނާ މި ދަނޑު ހުޅުއްވައިދެއްވީ އިއްޔެ ހަވީރު އެރަށަށް ޒިޔާރަތް ކުރައްވާ، ދަނޑުގައި ބޭއްވި ރަސްމިއްޔާތުގައެވެ.

މި ރަސްމިއްޔާތުގައި އެކަމަނާގެ އަރިހުގައި ޞިއްޙަތާބެހޭ ވަޒީރު ޤީލާ ޢަލީއާއި ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ފާޠިމަތު ސަޢުދާގެ އިތުރުން ދަރަނބޫދޫ ކައުންސިލްގެ ރައީސް ޢަބްދުލް ޙަމީދު އާދަމް ބައިވެރިވެވަޑައިގެންނެވިއެވެ.

ދަރަނބޫދޫ ފުޓްސަލް ދަނޑު ހުޅުވުމުގެ މުނާސަބަތުގައި ކުޅެވުނު ފުޓްސަލް މެޗުގައި ބައްދަލުކުރި ދެ ޓީމަށް ހަނދާނީ ފިލާ ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނެވެ. އަދި އެކަމަނާ ވަނީ މި މެޗުގައި ބައްދަލުކުރި ފ. ނިލަންދޫ އާއި ދަރަނބޫދޫގެ ޢުމުރުން 12 އަހަރުން ދަށުގެ ދެ ޓީމުގެ މެދުގައި ކުޅެވުނު އެކުވެރިކަމުގެ ފުޓްސަލް މެޗު ބައްލަވާލައްވައި، ޓީމުތަކަށް ތަރުޙީބުދެއްވާފައެވެ. 1 – 0 ގެ ނަތީޖާއަކުން މި މެޗް ކާމިޔާބު ކުރީ ފ. ނިލަންދޫގެ ޢުމުރުން 12 އަހަރުން ދަށުގެ ޓީމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އިއްޔެ ހަވީރު ފ. ދަރަނބޫދޫއަށް ވަޑައިގަތުމުން އެ ރަށުން އެކަމަނާއަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައިވެއެވެ.

ގުޅުންހުރި ލިޔުންތައް