- Advertisement -spot_img

ކުރީ ސަރުކާރުތަކުން ނަގާފައިވާ ލޯނުތައް ދެއްކުމަކީ ޤައުމުގެ މުސްތަޤުބަލު އިސްކޮށްގެން ކޮށްފައިވާ ކަމެއް: މުންދު

އިތުރަށް ދަރަނިވެރި ނުވެ، ސަޕްލިމެންޓަރީ ބަޖެޓަކަށް ނުގޮސް، ބަޖެޓުކުރި މިންގަނޑުގައި ދައުލަތުގެ ޚަރަދުތައް ހިފެހެއްޓުމަކީ ފިޗް ރޭޓިންގ އަށް އައި ބަދަލަށްވުރެ، އިހުތިފާލުކުރުން ޙައްޤު ކާމިޔާބީއެއް ކަމުގައި، ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، “ޕްރެސަރ ވިތު ދަ ސްޕޮކްސް“ ސިލްސިލާގެ މިއަދުގެ ބައްދަލުކުރެއްވުމުގައި، ރާއްޖޭގެ މާލީ އަދި އިޤުތިޞާދީ ޙާލަތާމެދު ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

ފިޗް ރޭޓިންގ އަށް ގެނައި ބަދަލު، އެއީ ބޮޑު ބަދަލަކަށް ނުވިނަމަވެސް، އެއީ، ދިވެހިރާއްޖެއާމެދު މާލީ އިދާރާތަކާއި ރާއްޖޭގެ ތަރައްޤީގެ ބައިވެރިން ދެކޭ ގޮތް ރަނގަޅުވާނޭ ފަދަ، އުންމީދީ ބަދަލެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެހެންނަމަވެސް، މިއަށްވުރެވެސް ބޮޑު ކާމިޔާބީއަކަށްވާނީ، މިހާރަށްވުރެވެސް ރޭޓިންގ ރަނގަޅުވެ، އޭގެ ސަބަބުން ރާއްޖޭގައި ވުނަކުރާ މިންވަރު އިތުރުވެ، ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އައުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަދި، ދައުލަތުގެ ޚަރަދުތައް ބަޖެޓުކުރި މިންގަނޑުގެ ތެރޭގައި ހިފެހެއްޓުނީ، ޙިކުމަތްތެރި ސިޔާސަތުތަކެއް ތަންފީޒުކުރައްވައިގެންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން، ޓެކުހުގެ ނިޒާމަށް ގެނައި ބަދަލުތަކާއި، ޚަރަދުތައް ހިފެހެއްޓުމާއި، ބަޖެޓުކުރުމުގައި އަންދާޒާކުރާ އާމްދަނީ ޙަޤީޤީ އާމްދަނީއާ އެއްއުއިކުރުން ފަދަ ފިޔަވަޅުތަކުގެ މައްޗަށް އިސް ތަރުޖަމާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. އަދި މިފަދަ ފިޔަވަޅުތަކަކީ ރައްޔިތުންގެ މެދުގައި މަޤުބޫލު ފިޔަވަޅުތަކަކަށް ނުވިކަމުގައިވިޔަސް، މިއީ ސިޔާސީ ކަންކަމަށްވުރެ ވަޠަނީ މަސްލަހަތު އިސްކުރައްވައި ޒިންމާދާރު ސަރުކާރެއްގެ ވަލިއްޔުލްއަމުރު، ނަމޫނާ ދައްކަވާ ގޮތްކަމުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

ސަރުކާރުން ގެންގުޅުއްވާ ދުރު ރާސްތާ އަމާޒުތަކަށް އަލިއަޅުއްވާލައްވަމުން، 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ ބައެއް އެޕްލިކޭޝަން މަނާ ކުރެއްވުމަށް ގެންގުޅުއްވާ ވިސްނުންފުޅާއި، ސްޓޭޓް ފާމާ އުފެއްދެވުމުގެ ޙިކުމަތުގެ މައްޗަށްވެސް އެމަނިކުފާނު ބައްލަވައިލެއްވިއެވެ. އެގޮތުން، 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ ބައެއް އެޕްލިކޭޝަން މަނާ ކުރެއްވުމުގެ މަސައްކަތަކީ ފުޅާ ދާއިރާއެއްގައި، ހުރިހާ މަސްލަހަތުވެރިންނާ މަޝްވަރާކޮށްގެން ކުރިއަށްގެންދަވާނޭ މަސައްކަތެއްކަން އިސް ތަރުޖަމާން ހާމަކުރެއްވިއެވެ. އަދި ސްޓޭޓް ފާމާ އަކީ، އެތައް ސަރުކާރަކަށް ޙައްލުނުކުރެވުނު، ބޭހާއި މެޑިކަލް ކޮންސިއުމަބަލްސްގެ މައްސަލައިގެ ފުރިހަމަ ޙައްލުކަމުގައި ވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިފަދަ ފިޔަވަޅުތަކަކީ، ދެން އަންނަ އިންތިޚާބެއް ކާމިޔާބު ކުރެއްވުމުގެ ވިސްނުންފުޅަށްވުރެ، ޤައުމުގެ މުސްތަޤުބަލު އިސްކުރައްވައިގެން ސަރުކާރުން އަޅުއްވާ ފިޔަވަޅުތަކެއްކަން އެމަނިކުފާނު ތަކުރާރުކޮށް ފާހަގަކުރެއްވިއެވެ.

މިއަދު ކުރިއަށްގެންދަވާފައިވަނީ، “ޕްރެސަރ ވިތު ދަ ސްޕޮކްސް“ ސިލްސިލާގެ ފަސްވަނަ ބައްދަލުކުރެއްވުމެވެ.

ގުޅުންހުރި ލިޔުންތައް