ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅިގެން ރައީސްޑރ. މުޙައްމަދު މުޢިއްޒު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި، އަޅުގަނޑުމެންގެ މުސްތަޤުބަލް ބިނާވެފައިވަނީ ދުނިޔޭގެ ތިމާވެށީގެ ދުޅަހެޔޮކަމުގެ މައްޗަށްކަން ހަނދާންކޮށްދެއްވައިފިއެވެ.
ރައީސް ވިދާޅުވީ ރާއްޖެއަކީ ތިމާވެށީގެ ނުރައްކާތަކާ ކުރިމަތިލާންޖެހިފައިވާ ކުޑަ ޖަޒީރާ ޤައުމަކަށްވާއިރު، ތިމާވެށި ހިމާޔަތްކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާ މުހިންމު ކަމެއް ކަމަށެވެ.
ރާއްޖެއިން ތިމާވެށީގެ ކަންކަމުގައި ގެންގުޅޭ ހަރުދަނާ ސިޔާސަތުތަކަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ”ޕްރޮޖެކްޓް ސޯލާ ސިޓީ“ ފަދަ އިއާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތަކާއި، ކާރިސާތަކުން ރައްކާތެރިވުމަށްޓަކައި ކުރީބައިގައި އިންޒާރުދޭ ނިޒާމުތައް ވަރުގަދަކުރުމަށް ސަރުކާރުން އިސްކަންދޭ ކަމަށެވެ.
މީގެ އިތުރުން މުޖުތަމައުތަކާ ގުޅިގެން ތިމާވެށްޓަށް އަންނަ ބަދަލުތަކަށް ހޭނުމާއި، އިކޯސިސްޓަމްތައް ހިމާޔަތްކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
މިއަދު ދުނިޔެއަށް ކުރިމަތިވެފައިވާ ތިމާވެށީގެ މައްސަލަތަކަކީ އިންސާނުންނާއި، ގުދުރަތީ ވަސީލަތްތަކަށް އޮތް ބޮޑު ގޮންޖެހުމެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މިކަންކަމަށް ހައްލެއް ހޯދޭނީ ބައިނަލްއަޤުވާމީ ފެންވަރުގައި އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށެވެ. އަދި ތިމާވެށި ހިމާޔަތްކުރުމަށްޓަކައި ހޭލުންތެރިކަން އިތުރުކޮށް، އެންމެންގެ ޒިންމާ އަދާކުރުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.
ރައީސް މުޢިއްޒުގެ މެސެޖު ނިންމަވާލެއްވީ، ރައްކާތެރި އަދި ފާގަތި މުސްތަޤުބަލެއް ބިނާކުރުމަށްޓަކައި ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމުގައި އެންމެން އެކުގައި މަސައްކަތް ކުރުމަށް އިލްތިމާސް ކުރައްވަމުންނެވެ.



