ކުޅެން އުޅޭ ވަގުތުގައި ނަމާދު ގަޑި ޖެހުމުން، އެ ތަންތަނުގައި ނަމާދު ކުރެވޭނެ އިންތިޒާމު ހުރިހާ ކުޅިވަރު މަޒުކަޒުތަކުގައި ގާއިމު ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށްވާއިރު، ދިރިއުޅުމުގެ ހުރިހާ ކަމެއްގައިވެސް ކަންކަން ކުރަންވާނީ އިސްލާމް ދީނުގެ ހަމަތަކުގެމަތިން ކަމަށެވެ.
ނަމާދު ގަޑި ގޮސް ނިމޭއިރު ވެސް ކުޅިވަރުކުޅެން ތިބުމަކީ ޒަމާނުއްސުރެން ދިވެހީންގެ ތެރޭގައި އޮތް އާދައެއްކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ އެގޮތަށް ނަމާދު ގަޑި ނިމިގެންދާއިރު ކުޅިވަރުގައި ތިބުމަކީ އެންމެ ރަނގަޅުގޮތް ނޫން ކަމަށެވެ.
ރައީސް ވިދާޅުވީ، ބައެއް ބާވަތްތަކުގެ ކުޅިވަރު އެކުވެނިތައް ގާއިމް ކުރަން ސްޕޯޓްސް މިނިސްޓްރީން މިހާރު އެކި ފަރާތްތަކާ ހަވާލުކޮށްފައިވާއިރު އެތަންތަނުގައިވެސް އެ ނިޒާމުތައް ގާއިމް ކުރާނެ ކަމަށާއި، މިހާރުހުރި ކުޅިވަރު އެކުވެންނާއި މާފަންނު ސްޓޭޑިއަމްގައި އެ ފެސިލިޓީތައް ގާއިމް ކުރެވިގެންދާނެ ކަމަށެވެ.



