- Advertisement -spot_img

އީރާނުން އަލަށް އުފެއްދި ބާރަށް ދުވާ މިސައިލް ބޯޓު އާންމުކޮށް ދައްކާލައިފި

އީރާނުން އަލަށް އުފެއްދި، ބާރަށް ދުވާ މިސައިލް ބޯޓު އާންމުކޮށް ދައްކާލައިފިއެވެ.

“27 ރަޖަބް” ގެ ނަމުން ނަންދީގެން އަލަށް އުފެއްދި މިސައިލް ބޯޓު ދައްކާލާފައިވަނީ އީރާނުގެ އިންގިލާބީ ލަޝްކަރުން ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތު އޮތީ ވެރިރަށް ތެހެރާނުގެ އިންގިލާބު މައިދާނުގައެވެ.

އީރާނުން އަލަށް އުފެއްދި މިސައިލް ބޯޓުގެ ހަލް ހަދާފައި ހުންނަނީ ޓްރައިމަރަން ނުވަތަ ކަޓަމަރާންއެއް ގޮތަށެވެ. މިއިން ކޮންމެ ބޯޓެއްގައި ދެ ކްރޫޒް މިސައިލް ހަރުކޮށްފައި ހުންނަ ކަމަށް ޚަބަރުތައް ބުނެއެވެ. އެއީ، ގާތްގަނޑަކަށް 700 ކިލޯމީޓަރު ދުރަށް ދަތުރުކުރުމުގެ ގާބިލްކަން ލިބިފައިވާ މިސައިލްތަކެކެވެ.

މިއީ، ތިންމީޓަރު އުސްމިނުގެ ރާޅުތަކުގެ ތެރޭގައިވެސް ދަތިކަމެއްނެތި ދަތުރުކުރުމުގެ ގާބިލްކަން ލިބިފައިވާ ސްޕީޑް ބޯޓުތަކެއް ކަމަށް، އީރާނުގެ މީޑިއާ ވަސީލަތްތަކުން ބުނެއެވެ.

އީރާނުން އަލަށް އުފެއްދި، ހަމަލާދޭ އައު ސްޕީޑް ބޯޓު މި ދައްކާލީ، އީރާނު އަސްކަރިއްޔާގައި ގެންގުޅޭ ކަނޑުމަތީގައި ހަމަލާދޭ، ހަލުވި ކުދި ބޯޓުތައް ހިމެނޭ “މޮސްކިޓޯ ފްލީޓް” ގެ އުނދަގޫ ވަރަށް ބޮޑުވެފައިވާ ކަމަށް އެމެރިކާގެ ރައީސާއި، އެމެރިކާގެ އަސްކަރިއްޔާގެ ވެރިންވެސް ކުރިން ބުނެފައި ވަނިކޮށެވެ.

ހޮރްމޫޒު ކަނޑުއޮޅީގައި އެނބުރޭ ކުދި ބޯޓުތަކުގެ ދުވަސް ދުއްވާލަން ޓްރަމްޕް އަމުރުކޮށްގެން އެމެރިކާ ސިފައިން އޭޕްރީމަހު ޚާއްސަ އޮޕަރޭޝަނެއްވެސް ފެށިއެވެ. ނަމަވެސް އާދަޔާ ޚިލާފަށް ބާރު ސްޕީޑްގައި ދުއްވާތީ އެއިން ބޯޓެއް އަތުލައިގަތުމަކީވެސް އަދި ހަމަލާދިނުމަކީވެސް އެމެރިކާ ސިފައިންނަށް ފަސޭހަކަމަކަށް ނުވިއެވެ.

އީރާނު އަސްކަރިއްޔާގެ ހުއްދަނެތި ހޮރްމޫޒު ކަނޑުއޮޅި ހުރަސްކުރާ ތެޔޮ ޓޭންކަރުތަކާއި، ކޮންޓެއިނަރ ބޯޓުފަހަށް ބިރުދައްކައި ހުރަސްއެޅުމުގެ މަސައްކަތް މައިގަނޑުގޮތެއްގައި އީރާނުން ކުރަނީ މި ކުދި ބޯޓުތައް ބޭނުންކޮށްގެންނެވެ.

އީރާނުގެ އެންގުމާ ޚިލާފްވެގެން ބައެއް ބޯޓުފަހަރަށް ހަމަލާދީ އަދި އަތުލައިގަންނަނީވެސް މި ކުދި ސްޕީޑް ބޯޓުތައް ބޭނުންކޮށްގެންނެވެ. މިއީ، ބައެއް ހާލަތުގައި މީހުންނާއެކު އަދި މީހުންނާ ނުލައިވެސް ގޮސް ހަމަލާދޭ ގޮތަށް ފަރުމާކޮށްފައި ހުންނަ އުޅަނދުތަކެވެ.

އީރާނުގެ ކަނޑުގެ ސިފައިންގެ ލަޝްކަރުގައި ހިމެނޭ ހުރިހާ މަނަވަރުތަކެއް ހަނގުރާމައިގެ ކުރީކޮޅު ބޮންއަޅައި ގޮއްވައި ފައްތާލުމަށްފަހު އެމެރިކާގެ ރައީސް ބުނީ، އީރާނުގެ ކަނޑުގެ ސިފައިންގެ ލަޝްކަރެއް މިހާރު ނެތް ކަމަށާއި، އެއްކޮށް ނައްތާލެވިއްޖެ ކަމަށެވެ.

އެކަމަކު، އެމެރިކާގެ ރައީސްގެ އެ ވާހަކަތަކަކީ ތެދު ނޫންކަން އީރާނުން އޭގެފަހުން އަދި މިހާރުވެސް ދުނިޔެއަށް ގެންދަނީ ސާބިތުކޮށްދެމުންނެވެ. އީރާނު ކަނޑުގެ ސިފައިންގެ ލަޝްކަރުގައި ހިމެނިގެން، ޚާއްސަކޮށް ހޮރްމޫޒު ބެލެހެއްޓުގައި މައިގަނޑު ދައުރެއް އަދާކުރަނީ “މޮސްކިޓޯ ފްލީޓް” ގައި ހިމެނޭ ކުދި ސްޕީޑް ބޯޓުތަކެވެ.

އީރާނުގެ އިންގިލާބީ ލަޝްކަރުން އަލަށް ދައްކާލި، މިހާރު ހުރި ކުދި ބޯޓުތަކަށް ވުރެންވެސް ސްޕީޑް ހަލުވި ހަމަލާދޭ “27 ރަޖަބް” ގެ ސަބަބުން ދުޝްމަނުންގެ ހިތްތަކަށް އިތުރަށް ތަދުވެގެންދާނެކަން ގައިމުކަމަށް، މަސްރަހް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އަދި މިއީ އެމެރިކާ ސިފައިންނަށް އިތުރު ހާސްކަމެއް ގެނުވާނޭ ކަމެއް ކަމަށްވެސް ބުނެއެވެ.

ގުޅުންހުރި ލިޔުންތައް