- Advertisement -spot_img

މަޖިލީހުގެ ނައިބު ރައީސް ނާޒިމް މަގާމުން ވަކިކުރުމުގެ ޖަލްސާ އާދިއްތަ ދުވަހަށް ތާވަލުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް، އަންނަ އާދިއްތަ ދުވަހު މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ތާވަލުކޮށްފިއެވެ.

ވެރިކަންކުރާ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ 73 މެންބަރުންގެ ސޮޔާއެކު މި މަހުގެ 14 ވަނަ ދުވަހު ހުށަހެޅި މި މައްސަލައިގައި ނާޒިމްގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ވަނީ ކޮށްފައެވެ. އޭގެ ތެރޭގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނެގުމާއި، މަޖިލީހުގެ ތެރޭގައި ފިތުނަ އުފައްދައި މަސްލަހަތު ނަގާލަން މަސައްކަތްކުރުން ހިމެނެއެވެ. އަދި މެންބަރުންގެ ވާޖިބު އަދާކުރުމަށް ނާޒިމް ހުރަހަކަށް ވެފައިވާކަމަށްވެސް ގަރާރުގައި ބަޔާންކޮށްފައިވެއެވެ.

މަޖިލީހުގެ ގަވާއިދު ބުނާގޮތުން މައްސަލަ ހުށަހަޅާތާ 14 ދުވަހުގެ ނޯޓިހެއް ދޭންޖެހޭއިރު، އެ މުއްދަތު މި ހުކުރު ދުވަހަށް ހަމަވާނެއެވެ. އެހެންކަމުން ޖެހިގެން އަންނަ ރަސްމީ ދުވަސް ކަމަށްވާ އާދިއްތަ ދުވަހަށް މި މައްސަލަ ވަނީ އެޖެންޑާކޮށްފައެވެ. މި މައްސަލަ ނިންމުމަށްޓަކައި، މި މަހުގެ 14 ގައި ޗުއްޓީއަށް ދާން އޮތް މަޖިލީހުގެ މި ދައުރު ވަނީ މި މަހުގެ ނިޔަލަށް ދިގުދަންމާލާފައެވެ.

އާންމު ކޮމިޓީން ނިންމާފައިވާ ގޮތުން މި މައްސަލައިގެ ބަހުސަށް ކަނޑައަޅާފައިވަނީ އެއް ގަޑިއިރެވެ. އެއީ ނާޒިމް ޖަވާބުދާރީވެވަޑައިގަތުމަށް 10 މިނެޓާއި، މެންބަރުންނަށް ވާހަކަދެއްކެވުމަށް 50 މިނެޓެވެ.

މި ވޯޓުގައި ބައިވެރިވާ މެންބަރުންގެ އަޣުލަބިއްޔަތުން ނާޒިމް މަގާމުން ވަކިކުރެވޭނެއެވެ.

ގުޅުންހުރި ލިޔުންތައް