- Advertisement -spot_img

އަޒަރްބައިޖާނާއި ރާއްޖެއާއި މެދުގައި އޮތް ގުޅުން އިހުނަށްވުރެ ބަދަހިވެފައިވާކަމަށް ރައީސް ވިދާޅުވެއްޖެ

އަޒަރްބައިޖާނުގެ މިނިވަންދުވަހުގެ މުނާސަބަތުގައި ތަހުނިޔާ އަރިސްކުރެއްވުމާއެކު، ފާއިތުވި ދުވަސްތަކުގައި ދިވެހިރާއްޖެއާއި އަޒަރްބައިޖާނުގެ މެދުގައި ކުރެވުނު މުއާމަލާތްތަކުގެ ސަބަބުން ދެ ގައުމުގެ މެދުގައި އޮތް ގުޅުން އިހުނަށްވުރެ ބަދަހިވެފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ އަޒަރްބައިޖާނުގެ މިނިވަންދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ ރައީސް އިލްހާމް ހައިދަރް އޮގްލޫ އަލިޔެވް އަދި ބޮޑުވަޒީރު އަލީ ހިދާޔަތު އޮގްލޫ އަސަދޯވްގެ އިތުރުން، އެ ގައުމުގެ ސަރުކާރާއި ރައްޔިތުންނަށް ދުވަހުގެ ހެޔޮއެދުންތަކާއި ތަހުނިޔާ އަރިސްކުރައްވާފައެވެ.

ރައީސްގެ މެސެޖުގައި، މިނިވަންވުމަށްފަހު އަޒަރްބައިޖާނުގެ ރައްޔިތުންގެ އުންމީދުތަކާ އެއްގޮތަށް އެ ގައުމު ތަރައްގީކުރުމުގެ މަސައްކަތުގައި ހޯދާފައިވާ ބޮޑެތި ކާމިޔާބީތައް ފާހަގަކުރެއްވިއެވެ. އަދި މުސްތަގުބަލުގައި އެ ގައުމަށް ބާއްޖަވެރި ދުވަސްތަކެއް މިންވަރުކުރެއްވުން އެދިވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ. މީގެއިތުރުން، ފާއިތުވި އަހަރުތަކުގައި ދެ ގައުމުގެ މެދުގައި ވިޔަފާރިއާއި ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ވަރުގަދަކުރެވޭނެ ގޮތްތައް ދިރާސާކުރެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ދެ ގައުމުގެ ގުޅުމާ ގުޅޭގޮތުން ރައީސް ވިދާޅުވީ، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ފާއިތުވި މުއްދަތުގައި ކުރެވުނު މަސައްކަތްތަކާމެދު ވަރަށް ބޮޑަށް ހިތްޕުޅުހަމަޖެހިވަޑައިގަންނަވާކަމަށެވެ.

2024 ވަނަ އަހަރުގެ ނޮވެންބަރު މަހު ބޭއްވި ކޮޕް-29 ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އަޒަރްބައިޖާނުގެ ވެރިރަށް ބާކޫއަށް ކުރެއްވި ޒިޔާރަތުގައި، ރައީސް އިލްހާމް އަލިޔެވްއާ ބައްދަލުކުރައްވައި ގުޅުން ބަދަހިކުރުމުގެ މުހިންމު މަޝްވަރާތަކެއް ވަނީ ކުރައްވާފައެވެ.

މި ސަރުކާރުގެ ދައުރުގައި އަޒަރްބައިޖާނަށް ވިސާއާ ނުލައި ދިވެހިންނަށް ދަތުރުކުރެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. އަދި އެ ގައުމުގެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފަށާފައިވާއިރު، އެ ގައުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުވެސް ވަނީ ކުރިއާ އަޅާބަލާއިރު އިތުރުވެފައެވެ.

ގުޅުންހުރި ލިޔުންތައް