މި އަހަރުގެ ބަރަކާތްތެރި ހައްޖުގެ އަޅުކަން އަދާކުރުމަށް ދިޔަ ދިވެހި ހައްޖުވެރިންގެ ތެރެއިން އެކަކު ފިޔަވައި ހުރިހާ ހައްޖުވެރިން އަރަފާތު ބިމަށް ވަދެފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޝަހީމް ވިދާޅުވި ގޮތުގައި، އަރަފާތަށް ނުދެވި މި ވަގުތު ހުރި ހަމައެކަނި ހައްޖުވެރިޔާއަކީ ބަލިވެގެން މިނާގެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ މީހެކެވެ. ނަމަވެސް އޭނާ ވެސް އަރަފާތު ބިމަށް ގެންދިއުމުގެ އިންތިޒާމުތައް ހަމަޖެހިގެންދާނެ ކަމުގެ ޔަގީންކަން ޝަހީމް ދެއްވިއެވެ.
”އެންމެ ހާޖީއެއް ފިޔަވައި ދިވެހި ހާޖީން ވަނީ ޢަރަފާތަށް ވަދެފަ. އެއް ހާޖީއަކު މިނާގެ ހޮސްޕިޓަލްގައި އެޑްމިޓްކުރެވި ފަރުވާއެއް ދެވެމުންދަނީ އިންޝާ ﷲ އެބޭފުޅާވެސް އަރަފާތަށް ގެންދެވޭނެ. ހައްޖު ކޯޕަރޭޝަންގެ އެހީތެރިން ދަނީ އެބޭފުޅާއެކު ހަރަކާތްތެރިވެ އެހީތެރިވަމުން. ހުރިހާކަމެއް ވެސް ރަނގަޅު،“ ޝަހީމް ވިދާޅުވި އެވެ.
ހައްޖަށް ދިޔަ ދިވެހި ފިރިހެނަކު މިނާގެ ހޮސްޕިޓަލްގައި އެޑްމިޓްކުރަން ޖެހުނީ އޭނާގެ ހަކުރު މައްޗަށް ގޮސްގެން ކުއްލި އަކަށް ހާލަތު ގޯސްވެގެން ކަމަށް އަދަދު ނޫހަށް އެނގިފައިވެއެވެ.
ރާއްޖެއިން މި އަހަރު 1000 މީހުން ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ގޮސްފައިވެއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން ހައްޖުގެ އަޅުކަމަށް ސައުދީ އަރަބިއްޔާއަށް ދިޔަ މީހުންގެ އަދަދު ވަނީ މިދިޔަ އަހަރަށް ވުރެ އިތުރުވެފަ އެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ސައުދީ އަރަބިއްޔާ ފިޔަވައި އެހެން ގައުމުތަކުން 1.5 މިލިއަނަށް ވުރެ ގިނަ މީހުން ހައްޖަށް ގޮސްފައިވެ އެވެ.



