- Advertisement -spot_img

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި ވޯޓު ދިނުމުގެ ހައްޤު ލިބިގެންވާ 4121 މީހުން

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި ވޯޓު ދިނުމުގެ ހައްޤު 4121 މީހުންނަށް ލިބިފައިވާކަމަށް އިލެކްޝަން ކޮމިޝަން(އީސީ) އިން ބުނެފިއެވެ.

އީސީން މިއަދު ވަނީ އައްޑޫގެ ބައި-އިލެކްޝަންގައި ވޯޓުލުމުގެ ހައްޤު ލިބިގެންވާ މީހުންގެ ލިސްޓު އާންމުކޮށްފައެވެ. އެ ލިސްޓުގައިވާގޮތުން ހިތަދޫ އުތުރު ދާއިރާގެ ބައިލެކްޝަނުގައި ޖުމްލަ 4121 މީހުންނަށް ވޯޓު ދިނުމުގެ ހައްޤު ލިބިގެންވެއެވެ.

އީސީން އާންމުކުރި މައުލޫމާތުން ދައްކާގޮތުގައި ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި އައްޑޫ ސިޓީގައި 5 ވޯޓުފޮށި ބަހައްޓާނެއެވެ. މީގެ އިތުރުން މާލޭގައި ދިރިއުޅޭ ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުން ވޯޓުލުމަށް 2 ވޯޓުފޮށި ބަހައްޓާނެއެވެ.

އަންނަ ޖޫން މަހުގެ ހަ ވަނަ ދުވަހު ބޭއްވުމަށް ހަަމަޖެހިފައިވާ ބައި-އިލެކްޝަންގައި ދެ ކެނޑިޑޭޓުން ވާދަކުރާނެެއެވެ. އެއީ ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު އަޙްމަދު ސައީދާއި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް އަބްދުﷲ ޞާދިޤުއެވެ.

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ބާއްވަން ހަމަޖެހިފައި ވަނީ އަންނަ ޖޫން މަހުގެ 6 ވަނަ ދުވަހު އެވެ. އެ ދުވަހު ހެނދުނު 8:00 އިން ހަވީރު 4:00އަށް ވޯޓުލުން ކުރިއަށްދާނެއެވެ.

ގުޅުންހުރި ލިޔުންތައް