ފިތުނަ ފަސާދަ އުފައްދައިގެން ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ބައިބައި ނުކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެ ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އަބްދުއްރަހީމް މިހެން ވިދާޅުވީ ޕީއެންސީގެ ތެރޭގައި ޚިޔާލުތަފާތުވުންތަކެއް އުޅޭކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.
އަބްދުއްރަހީމް މިފަދައިން ވިދާޅުވީ ޕީއެންސީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުށަހެޅުއްވި ހުށަހެޅުއްވުމަކަށް އެ ޕާޓީގެ ސެނެޓުން ދެކޮޅު ހަދާފައިވާ ކަމަށް ބުނެ އޮންލައިން ނޫހެއްގައި ޝާއިއުކުރި ޚަބަރަކާ ގުޅިގެންނެވެ. އެ ޚަބަރު ދޮގުކުރައްވައި މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް ވިދާޅުވީ އެއީ ކަނޑައެޅިގެން ހަގީގަތާ ޚިލާފު ވާހަކައެއް ކަމަށެވެ.
އަބްދުއްރަހީމް އިތުރަށް ވިދާޅުވީ، ޕާޓީގެ ސެނެޓުން ވަކި ގޮތަކަށް ކަމެއް ނިންމުމަށް ރިޔާސަތުން ނުވަތަ ޕާޓީގެ ރައީސް ޑރ. މުޢިއްޒު އެއްވެސް ހުށަހެޅުއްވުމެއް ހުށަނާޅުއްވާ ކަމަށެވެ. އަދި ޕީއެންސީއަކީ ޑިމޮކްރަސީގެ ރިވެތި އުސޫލުތަކުގެ މަތީގައި ހިންގަމުންދާ ޕާޓީއެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
”ފިތުނަ ފަސާދަ އުފައްދައިގެން އަޅުގަނޑުމެން ބައިބައެއް ނުކުރެވޭނެ. އަޅުގަނޑުމެން މިތިބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒާއެކު ސާބިތުވެ،“ އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވަނީ ޕާޓީގެ އެތެރޭގެ ބަދަހިކަން އޮތްކަން ހާމަކުރައްވައި، ސަރުކާރު ހިންގާ ޕާޓީގެ ތެރޭގައި ފިތުނަ އުފެއްދުމަށް ކުރާ މަސައްކަތްތައް ކާމިޔާބު ނުވާނެ ކަމަށް ވިދާޅުވެފައެވެ.



