އެމްޑީޕީއާއެކު މަސައްކަތް ފެށުމުން އަމިއްލަ ސަޕޯޓަރުންގެ ނުރުހުން ކުރީގެ ރައީސް އަދި ޕީއެންއެފްގެ ރައީސް އަބްދުﷲ ޔާމީނަށް އަމާޒުވެއްޖެއެވެ.
ސަރުކާރާދެކޮޅަށް މަސައްކަތް ކުރުމަށް ކުރީގެ 3 ރައީސުންގެ ބައްދަލުވުމެއް ހުކުރު ދުވަހުގެ ރޭ ވަނީ ބާއްވާފަ އެވެ. މި ބައްދަލުވުމުގައި ރައީސް ޔާމީން އިންނެވީ އެމަނިކުފާނު އެކިފަހަރު މަތީން ޖަލަށް ލެއްވެވި ރައީސް ނަޝީދު އާއި ރައީސް ސޯލިހުގެ މެދުގައެވެ.
މިކަމާ ގުޅިގެން ޔާމީންގެ އަމިއްލަ އެތައް ސަޕޯޓަރުންނެއް އެމަނިކުފާނަށް ފާޑު ކިޔާ ސޯޝަލް މީޑިއާގައި ވަނީ ޕޯސްޓުކޮށްފަ އެވެ. އަދި ކުރިން ކުރި ތާއީދު ވެސް ބައެއް މީހުން ވަނީ އަނބުރާ ގެނެސްފައެވެ.
ރައީސް ޔާމީނަށް ކުރިން ތާއީދުކުރެއްވި ބައެއް ބޭފުޅުން ކުރެއްވި ޕޯސްޓުތަކުގައި ބުނެފައި ވަނީ އެމްޑީޕީ އަކީ އެމީހުން ގަބޫލުކުރާ ފިކުރެއް ނޫން ކަމަށާއި އެފަދަ ބަޔަކާއެކު ޔާމީން މަސައްކަތް ފެއްޓެވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
ރައީސް ޔާމީންއަށް ތާއީދުކުރެއްވި ބައެއް މީހުން ބުނެފައިވަނީ އެމަނިކުފާނު އަމިއްލަފުޅަށް އެމްޑީޕީ އާއެކު މަސައްކަތް ނުކުރައްވާނެ ކަމަށް ވިދާޅުވުމަށްފަހު އެއާއި ހިލާފަށް ކަންތައް ކުރެއްވުމުން އެކަން ބަލައި ނުގަންނަ ކަމަށެވެ.



