- Advertisement -spot_img

ކުރިން ހިނގާދިޔަ ބޮޑެތި ޖަރީމާތަކާއި ގޯސްތައް ތިން ރައީސުންނަށް މިހާރު ”އޯކޭ“ ވެއްޖެ: އަބްދުއްރަހީމް

ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް ޔާމީން އަބްދުލްގައްޔޫމާއި، ރައީސް މުހައްމަދު ނަޝީދު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ސިޔާސީ ގޮތުން ގުޅިވަޑައިގެން މަސައްކަތް ކުރެއްވުމަށް ނިންމެވުމާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާމަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް ވިދާޅުވީ، މިއަދު މި ތިން ރައީސުން އެކުވުމުން މީގެ ކުރިން ހިނގާދިޔަ ބޮޑެތި ޖަރީމާތަކާއި ގޯސްތައް އެ ބޭފުޅުންނަށް މިހާރު ”އޯކޭ“ ވެފައިވާ ކަމަށެވެ. އެގޮތުން ދިވެހިރާއްޖޭގެ ގައުމީ ވައިގެ ބަނދަރު ބޭރު ބަޔަކަށް ވިއްކާލުމާއި، ދިރާގާއި ފެންކުންފުނީގެ ހިއްސާ ވިއްކާލި މައްސަލައަށް އަބްދުއްރަހީމް އިޝާރާތް ކުރެއްވިއެވެ.

މީގެ އިތުރުން، ޝަރުއީ ދާއިރާއަށް އަތްބާނައި ސުޕްރީމް ކޯޓުގައި ތަޅުއެޅުވި ހާދިސާއާއި، ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައިގެ އިތުރުން، އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާއި ސިޔާސީ ލީޑަރުން ހައްޔަރުކޮށް ޖަލަށްލީ މައްސަލަތަކަކީ ވެސް މިހާރު އެ ބޭފުޅުންނަށް މައްސަލައަކަށް ނުވާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމްގެ ޕޯސްޓުގައި އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ވިއްކާލުމާއި، ކޮވިޑް-19 ގެ ތެރޭގައި ހިންގި ވެންޓިލޭޓަރުގެ ވައްކަމުގެ އިތުރުން، އިސްލާމްދީނަށް ފުރައްސާރަކޮށް ނެރުނު އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ ވެސް މިހާރު އެ ބޭފުޅުންނަށް ވަނީ އޯކޭވެފައެވެ.

”މިހިރަ ހުރިހައި ކަމެއް ވެސް މިތިއްބެވި 3 ރައީސުންނަށް މިހާރު އޯކޭ. މީ އަދި ކުޑަ މިންވަރެއް. ކުރިން ކީ ހުރިހައި ޅެމެއް ފަރިއްސަށްވެ ނިމުނީ. އަމިއްލަ އެދުމުގެ ވެސް މީ އިންތިހާ،“ އަބްދުއްރަހީމް ވިދާޅުވިއެވެ.

މި ތިން ރައީސުން އެކުވެފައި މިވަނީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާ ދެކޮޅަށް ސިޔާސީ މަސައްކަތްތަކެއް ފެށުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ. ނަމަވެސް ސަރުކާރު ހިންގާ ޕާޓީގެ ލީޑަޝިޕުން ސިފަކުރާ ގޮތުގައި މިއީ ހަމައެކަނި އަމިއްލަ ސިޔާސީ މަންފާއަށްޓަކައި ވެފައިވާ އިއްތިހާދެކެވެ.

ގުޅުންހުރި ލިޔުންތައް