ބުރާސްފަތި, މާރޗް 13, 2025
spot_img
- Advertisement -spot_img

ޕްރައިމަރީ ހެލްތް ކެއާގެ ނިޒާމު މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ފެށުމަކީ މި ސަރުކާރުގެ އަމާޒެއް: ވަޒީރު ނާޒިމް

ރާއްޖޭގައި މިހާތަނަށް ފަސް އަތޮޅެއްގައި ޕްރައިމަރީ ހެލްތް ކެއާގެ ނިޒާމު ފަށާފައިވާ ކަމަށް ސިއްހަތާއިބެހޭ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޕީއެސްއެމް ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި މިދިޔަ އަހަރު ނިމުނުއިރު ފަސް އަތޮޅެއްގައި މި ނިޒާމު ފަށާފައިވާއިރު ޕްރައިމަރީ ހެލްތު ކެއާ ނިޒާމު މިއަހަރު ނިމެންވާއިރަށް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ފެށުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން ދުރާލާ މީހުންނަށް ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާ، ނިޒާމެއްގެ ތެރެއިން މީހުން ޑޭޓާތައް ބަލަހައްޓާ، މީހުންގެ ސިއްހީ ރައްކާތެރިކަމަށް ސިއްހީ ހިދުމަތްދޭ ތަންތަނުން ދުރާލާ ހިދުމަތްތައް ފޯރުކޮށްދެވިގެން ދާނެ ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ޕްރައިމަރީ ހެލްތު ކެއާ ނިޒާމު ފުޅާކޮށް ހަރުދަނާކުރުމަށް ބޭނުންވާ ޚާއްސަ ޕްރޮގްރާމްތަކުގެ ތެރެއިން ދަމަނަވެށި ފުޅާ ކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. ސަރުކާރުން މި ނިންމުން ނިންމަވާފައިވާކަން ހާމަކޮށްފައިވަނީ ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ރައީސް، ޑރ. މުހައްމަދު މުއިއްޒު ދެއްވި ރިޔާސީ ބަޔާނުގައެވެ.

އެގޮތުން ރައީސް ވިދާޅުވީ، ދުޅަހެޔޮ ސިއްހީ ވެއްޓެއް ގާއިމުކޮށް، ބަލިވުމުގެ ކުރިން ބަލިން ރައްކާތެރިވެވޭނެ ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށާއި އަވަހަށް ބަލި ދެނެގަތުމާއި ވަށާޖެހޭ ސިއްހީ ނިޒާމެއްގެ ތެރެއިން ރައްޔިތުންނަށް ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތް ފޯރުކޮށްދޭން ޖެހޭ ކަމަށެވެ.

މިކަމަށްޓަކައި ޕްރިވެންޓިވް ހެލްތު ކެއާ ނިޒާމު ފުޅާކޮށް ހަރުދަނާކުރުމަށް ބޭނުންވާ ޚާއްސަ ޕްރޮގްރާމުތައް ތަންފީޒުކުރުމަށް 2024 ވަނަ އަހަރަށް ޚާއްސަ ބަޖެޓެއް ހަމަޖެއްސިފައި އޮތްކަން ރައީސް ވަނީ ފާހަގަ ކުރައްވައިފައެވެ.

މިގޮތުން، އިތުރު 10 އަތޮޅެއްގައި ޕްރައިމަރީ ހެލްތު ކެއާގެ ނިޒާމު ފުޅާކޮށް ޚިދުމަތްދޭން ފެށުމާއި މިނިޒާމުގެ ދަށުން ދަމަނަވެށި ފުޅާކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ޕްރައިމަރީ ހެލްތު ކެއާގެ ނިޒާމު ފުޅާކުރުމަށް ކަނޑައަޅާފައިވާ 10 އަތޮޅުގައި، ރިޕްރޮޑަކްޓިވް، މެޓާރނަލް، ޗައިލްޑް އެންޑް ނިއުޓްރިޝަން، ގައިން ގަޔަށް އަރާ ބަލިތައް، ގައިން ގަޔަށް ނާރާ ބަލިތައް، ނަފްސާނީ ބަލިތައް، ފައިލޭރިއާ ސްކްރީނިންގެ މަޢުލޫމާތު އެއްކުރުމަށް ބޭނުންވާ މޮޑިއުލްތައް ޑިސްޓްރިކްޓް ހެލްތު އިންފޯރމޭޝަން ސޮފްޓްވެއަރ މެދުވެރިކޮށް މުޅި އާބާދީގެ 18 އަހަރުން މަތީގެ ހުރިހާ ރައްޔިތުންގެ މަޢުލޫމާތު އެއްކޮށް ރައްޔިތުންގެ ޞިއްޙީ ހާލަތުތައް ދެނެގަނެވި ޞިއްޙީ ފަރުވާ ބޭނުންވާ ފަރާތްތަކަށް ފަރުވާ ފޯރުކޮށްދެވިގެންދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް