އޭޝިއާ-ޕެސިފިކް ސަރަޙައްދުގެ މީޑިއާ ދާއިރާގެ އެންމެ ބޮޑު އެއް ބައްދަލުވުން ކަމަށްވާ “އޭޝިއާ މީޑިއާ ސަމިޓް” (އޭއެމްއެސް) ގެ 21 ވަނަ އެޑިޝަން ރާއްޖޭގައި ރަސްމީކޮށް ފަށައިފިއެވެ.
ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އާއި އޭޝިއާ-ޕެސިފިކް އިންސްޓިޓިއުޓް ފޯ ބްރޯޑްކާސްޓިންގ ޑިވެލޮޕްމަންޓް (އޭއައިބީޑީ) ގުޅިގެން ބާއްވާ މި ސަމިޓް ކުރިއަށްދަނީ “މޯލްޑިވްސް 2.0: ފްރޮމް ޓްރެޑިޝަން ޓު ޓެކް” މި ޝިއާރުގެ ދަށުންނެވެ.
ވިލާ ނޯޓިކާ ރިސޯޓުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ސަމިޓް ފަށްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނެވެ. މި ރަސްމިއްޔާތުގައި ސަރުކާރުގެ ވަޒީރުންނާއި، މީޑިއާ ދާއިރާގެ އިސްވެރިންގެ އިތުރުން ބޭރުގެ އެކި ޤައުމުތަކުގެ މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ.
މިމަހުގެ 11 އިން 14 އަށް ކުރިއަށްދާ މި ސަމިޓުގައި 300 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވާއިރު، މީގެ ތެރެއިން 80 އިންސައްތައަކީ ބޭރު ޤައުމުތަކުން ވަޑައިގެންނެވި ބޭފުޅުންނެވެ. ސަމިޓުގެ ތެރެއިން ކުރިއަށްދާނެ މުހިންމު ކަންކަމުގެ ތެރޭގައި 8 ޕްލިނަރީ ސެޝަން ހިމެނެއެވެ. މީގެ ތެރޭގައި ޕަބްލިކް މީޑިއާގެ ސިޔާސަތުތަކާ ގުޅޭ ހައި-ލެވެލް މިނިސްޓީރިއަލް ސެޝަނެއް ވެސް ވަނީ ހިމަނައިފައެވެ.
މަޝްވަރާ ކުރެވޭ މައުޟޫޢުތަކުގެ ތެރޭގައި އާޓިފިޝަލް އިންޓެލިޖެންސް (AI) ގެ ދައުރާއި، ޑިޖިޓަލް ޓްރާންސްފޮމޭޝަން، މޫސުމީ ބަދަލުތަކުގައި މީޑިއާގެ ދައުރު އަދި ކުދި ޖަޒީރާ ޤައުމުތަކަށް ހުރި ގޮންޖެހުންތައް ހިމެނެއެވެ.
މި ސަމިޓަކީ ބްރޯޑްކާސްޓިން ދާއިރާގެ ކުރިއެރުމަށް އައު އަމާޒުތަކެއް ކަނޑައަޅައި، ޒިންމާދާރު މީޑިއާއެއް ބިނާކުރުމަށް ސަރަޙައްދީ ފެންވަރުގައި މަޝްވަރާކުރުމަށް ލިބޭ މުހިންމު ފުރުޞަތެކެވެ.
ސަމިޓްގެ ހަރަކާތްތައް ނިންމާލުމަށް ހަމަޖެހިފައިވަނީ މިމަހުގެ 14 ވަނަ ދުވަހު ކުޑަގިރީގައި ބާއްވާ މުރަކަ އިންދުމުގެ ހަރަކާތަކުންނެވެ.



