- Advertisement -spot_img

ކޯޓުގެ އަމުރަށް ގޮންޖަހައި ރައީސްގެ އަބުރުފުޅަށް އަރައިގަތުމަކީ ޑިމޮކްރަސީއެއް ނޫން: ޝަކީލް

ކޯޓުގެ އަމުރަށް ގޮންޖަހައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަބުރުފުޅަށް އަރައިގަތުމަކީ ޑިމޮކްރަސީއެއް ނޫން ކަމަށް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަކީލް ވިދާޅުވީ ތިމާމެންނަކީ ނޫސްވެރިންކަމަށް ބުނެ ނޫސްވެރިކަމުގެ ފާހުގެ ނިވަލުގައި ދައުލަތުގެ އެންމެ މަތީ އެއް އިދާރާގެ ތެރެއަށްވަންނަން ފުރުސަތު ހޯދައިގެން ސިޔާސީ އެކްޓިވިސްޓުން އުޅޭ ގޮތަށް އުޅޭ ބަޔަކު މިއަދު ޝަރުއީ ކޯޓުތަކުގެ އަމުރަށް ގޮން ޖަހައި ރައީސުލްޖުމްހޫރިއްޔާގެ އަބުރުފުޅަށް އަރައިގަނެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ހުރުމަތް ކެނޑުމަކީ ޑީމޮކްރެސީއެއް ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ މިއީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީންނާއި އިސްލާމީ ޝަރީއާއިންވެސް އެއްވެސް ބަޔަކަށް ލިބިދީފައިވާ ހައްގުތަކެއް ނޫން ކަމަށެވެ. މި ގައުމުގެ ވީދިފައިވާ އިޖުތިމާއީ ފޭރާން އިއާދަކުރުމަށް މިފަދަ މީހުންނާ ދެކޮޅަށް ދައުވާ ކުރެވި ހައްގު އަދަބު ދެވެން ޖެހޭ ކަމަށް ވެސް ޝަކީލް ވިދާޅުވި އެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދަދު ނޫހުގެ ނޫސްވެރިއަކު ވަނީ ކްރިމިނަލް ކޯޓުގެ އަމުރަށް ގޮންޖަހައި ރައީސް މުއިއްޒާ ގުޅޭގޮތުން ސާބިތު ނުހިފޭ ދޮގު ވާހަކަތަކެއް ދައްކާފައެވެ. އެހެންވެ، ކޯޓުގެ އަމުރާ ހިލާފުވާ ފަރާތްތަކަށް ފިޔަވަޅު އެޅުމަކީ ސަރުކާރުގެ ޒިންމާއަކަށްވާތީ ރައީސް މުއިއްޒު ވަނީ އެ ނޫސްވެރިޔާ ރައީސް އޮފީހުން ނުކުންނަވަން އަންގަވާފަ އެވެ.

ރައީސް މުއިއްޒަށް ގަޒުފްކުރި ކަމުގެ ދައުވާ އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ވަނީ ދައުވާ އުފުލާފައެވެ.

ގުޅުންހުރި ލިޔުންތައް