- Advertisement -spot_img

ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގައި ބީއެމްއެލް އަކީ އެންމެ މުހިންމު އެއް ބައިވެރިޔާ: އަފީފް

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އަދާކުރާ ދައުރު ފާހަގަކުރައްވައި، އެ ބޭންކަކީ މި ދާއިރާގެ އެންމެ އިސް އެއް ބައިވެރިޔާކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ޗެއާމަން ހުސައިން އަފީފް ވިދާޅުވެއްޖެއެވެ.

ބައިނަލްއަގްވާމީ މާލީ ބާޒާރުތަކުގެ އިންވެސްޓަރުންނާ ބައްދަލުކުރުމަށް ބީއެމްއެލުން ސިންގަޕޫރާއި ހޮންގް ކޮންގް އަދި ލަންޑަނުގައި ދާދިފަހުން ކުރިއަށް ގެންދިޔަ ’ނޮން-ޑީލް ރޯޑް ޝޯ‘ އާ ގުޅޭގޮތުން ވާހަކަދައްކަވަމުން އަފީފް ވިދާޅުވީ، ބޭންކުން ފޯރުކޮށްދޭ މާލީ އެހީތެރިކަމުގެ ސަބަބުން ވިޔަފާރިތައް ފުޅާކުރުމަށާއި އާ ހިދުމަތްތައް ތައާރަފްކުރުމަށް މަގުފަހިވާ ކަމަށެވެ. އަދި ބޭންކުގެ މި އިސްނެގުމުގެ ސަބަބުން ވިޔަފާރިތަކުގެ ގާބިލުކަން އިތުރުވެ، ގައުމުގެ އިގްތިސާދީ ކުރިއެރުމަށް ބޮޑު މަންފާއެއް ލިބޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.

މިދިޔަ މަހުގެ 29 އިން ފެށިގެން ކުރިއަށްގެންދިޔަ މި ބައްދަލުވުންތަކުގެ މައިގަނޑު މަގްސަދަކީ ބައިނަލްއަގްވާމީ ފަންޑުތަކުން މާލީ ވަސީލަތްތައް ހޯދުމެވެ. ބީއެމްއެލުން މައުލޫމާތު ދޭގޮތުގައި، މިގޮތުން ހޯދާ ފައިސާ ބޭނުންކުރާނީ ބޭންކުގެ ހިދުމަތްތައް އިތުރަށް ފުޅާކޮށް، ފަތުރުވެރިކަމުގެ ދާއިރާއަށް ދޭ އެހީތެރިކަން އިތުރުކުރުމަށެވެ. މިހާރުވެސް އެ ބޭންކުން ވަނީ ފަތުރުވެރިކަމުގެ ދާއިރާއަށް 594 މިލިއަން ޑޮލަރުގެ ލޯނު ދޫކޮށްފައެވެ. އަދި ހަމައެކަނި މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް 35 މިލިއަން ޑޮލަރު ވަނީ މި ސިނާއަތަށް ދޫކޮށްފައެވެ.

ބޭރުގެ އެއްވެސް ދަރަންޏެއް ނެތި، ބީއެމްއެލްގެ 43 އަހަރުގެ ތާރީހުގައި އެންމެ ރަނގަޅު މާލީ ނަތީޖާއާއެކު އޮތް މި ދަނޑިވަޅުގައި ބޭއްވި މި ބައްދަލުވުންތަކުން ވަރަށް އުއްމީދީ ނަތީޖާތަކެއް ފެނިފައިވާކަމަށް ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ، ދުނިޔޭގެ އިންވެސްޓަރުންގެ ފަރާތުން ރާއްޖޭގެ އިގްތިސާދަށާއި ބޭންކުގެ ހިންގުމަށް ބޮޑު އިތުބާރެއް އޮތްކަން މި ބައްދަލުވުންތަކުން ހާމަވެގެން ގޮސްފައިވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް