އީރާންއާ ދެކޮޅަށް ހަނގުރާމަ ފެށުމަށް އެދި އިޒްރޭލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އޭނާގެ ވެރިކަމުގައި ވެސް ވަރަށް ޕްރެޝަރު ކުރިމަތި ކުރުވި ކަމަށް އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ބުނެފިއެވެ.
އޮބާމާ މިހެން ބުނީ ދަ ނިއު ޔޯކް މަޖައްލާ އިން ހޯމަ ދުވަހު ޝާއިއު ކުރި އިންޓަވިޔުއެއްގައެވެ. އޭނާ ބުނީ އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުށަހެޅި ހުށަހެޅުންތަކާއި، ހެކިތައް އަދި ހަނގުރާމަ ފަށަން ޖެހޭ ކަމަށް ބުނާ ސަބަބުތައް މީގެ ކުރިން އޭނާގެ ވެރިކަމުގައި ވެސް ނަތަންޔާހޫ ހުށަހެޅިކަމަށެވެ.
އޭރު އޮބާމާގެ ވެރި ކަމުގެ ދައުރުގައި ނަތަންޔާހޫ އަށް އެކަން ކާމިޔާބު ކުރެވިފައި ނުވި ނަމަވެސް، މިހާރު ނަތަންޔާހޫ އެކަން ކޮށްފައިވާ ކަމަށް އޮބާމާ ބުންޏެވެ. ޓްރަމްޕްގެ ވެރި ކަމުގައި ނަތަންޔާހޫ އެކަން ކާމިޔާބު ކުރި ނަމަވެސް، އެފަދަ ހަނގުރާމައެއްގެ ސަބަބުން އިޒްރޭލްގެ ރައްޔިތުންނަށް، ނުވަތަ އެމެރިކާގެ ރައްޔިތުންނަށް އެއިން ފައިދާއެއް އޮތް ކަމާ މެދު ޝައްކު އުފެދޭ ކަމަށް ވެސް އޮބާމާ ވަނީ ބުނެފައެވެ.
ތާރީޚީ ރެކޯޑު ތަކުން ސާފުކޮށް ދައްކާ ގޮތުގައި، އީރާންއާ ގުޅޭ ގޮތުން ނަތަންޔާހޫ އާއި އޭނާއާ ދެމެދު ވަރަށް ބޮޑު ޚިޔާލު ތަފާތުވުން ތަކެއް ހުރި ކަމަށް އޮބާމާ ފާހަގަ ކުރިއެވެ. އޮބާމާ ބުނީ ނަތަންޔާހޫއާ އޭނާއާ ދެމެދު ވަރަށް ބޮޑަށް ޚިޔާލު ތަފާތުވުން އޮތް ކަމަށާއި، އެކަން ޤަބޫލު ވެސް ކުރާކަމަށެވެ.
އޮބާމާގެ ވެރި ކަމުގައި ވަނީ އީރާން އާއެކު ނިއުކްލިއާ އެއްބަސްވުމެއް ޤާއިމުކޮށް، އެ ޤައުމަށް އިޤްތިޞާދީ ދަތިކަމުން ލުއި ތަކެއް ހޯދައި ދިނުމަށް މަސައްކަތް ކުރައްވައިފަ އެވެ. ނަމަވެސް، އޭރު ވެސް އިޒްރޭލްގެ ބޮޑު ވަޒީރު ނަތަންޔާހޫ އެކަމާ ވަރަށް ދެކޮޅު ހެދިއެވެ. އޮބާމާގެ ވެރިކަމަށް ފަހު، 2015 ވަނަ އަހަރު ޓްރަމްޕްގެ ވެރި ކަމުގައި އެމެރިކާ އިން ވަނީ އީރާން އާއެކު އޮތް ނިއުކްލިއާ އެއްބަސްވުމުން ވަކިވެފައެވެ.



