spot_img

އެމްޑީޕީގެ އެތެރޭގެ ކޯޅުން ބޮޑުވެ ޗެއާޕާސަންގެ އިންތިހާބު ފަސްކުރަން ހުށަހަޅައިފި

އެމްޑީޕީގެ އެތެރޭގެ ކޯޅުން ބޮޑުވެ ޗެއާޕާސަންގެ އިންތިޚާބު ފަސްކުރަން އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ ގައުމީ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

ޣަފޫރު ކުއްލިގޮތަކަށް މިފަދަ ހުށަހެޅުމެއް ހުށަހެޅުއްވީ އެ އިންތިޚާބުގައި ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންތިޚާބު ކާމިޔާބު ކުރެއްވުމުގެ ފުރުސަތު ބޮޑު ކަމަށް ގިނަ ބަޔަކު ބުނަމުން އަންނަ ދަނޑިވަޅެއްގައެވެ. ޣަފޫރަކީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވާ ބޭފުޅެވެ.

ސޯލިހުގެ ތާއީދާއެކު ޗެއާޕާސަން ކަމަށް ނުކުންނެވީ ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއީލް އަހްމަދު ނަސީމެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ޣަފޫރު ފޮނުއްވި މެސެޖެއްގައި ވަނީ ކުއްލިގޮތަކަށް އެ ޕާޓީގެ ފައިސާ ހުސްވެފައިވާކަން ހާމަކުރައްވާފައެވެ. އެހެންކަމުން އިންތިހާބު ބާއްވާނެ ފައިސާއެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން މިހާރު ކަނޑައަޅާފައިވާ ތާރީޚްގައި އިންތިހާބު ބާއްވައިފިނަމަ ޕާޓީގެ އެތެރޭރެ މަސްލަހަތު ގެއްލި އިތުރު ހަމަނުޖެހުންތަކެއް ހިނގައިދާނެ ކަމަށް ޣަފޫރު ވިދާޅުވި އެވެ.

ކުއްލި ގޮތަކަށް އެމްޑީޕީގެ ފައިސާ ހުސްވެފައިވާތީ، ގިނަ ބަޔަކު އަންނަނީ އެކަމާ ސުވާލު އުފައްދަމުންނެވެ.

spot_img

ގުޅުންހުރި ލިޔުންތައް