ދިވެހިރާއްޖޭގައި އެކި ދާއިރާތަކުގައި ޚިދުމަތްކުރާ ދޭސީ އަދި ބިދޭސީ މަސައްކަތްތެރީންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމާއެކު، މަސައްކަތްތެރިކަން ކުރިއެރުވުމުގައި ސަރުކާރުން ގެންގުޅެނީ ވަށައިޖެހޭ، ޢަދުލުވެރި ސިޔާސަތެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ބައިނަލްއަގުވާމީ މަސައްކަތްތެރީންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
އެގޮތުން، ސްކޫލް ދަރިވަރުންނަށް މަސައްކަތް ދަސްކޮށްދިނުމަށް ޚާއްޞަ ސަމާލުކަމެއްދީ، ރާއްޖޭގެ ފުރަތަމަ ވޮކޭޝަނަލް ހައިސްކޫލް ޤާއިމުކޮށް، ޤައުމަށް މުހިންމު އެކި ދާއިރާތަކުން މީހުން ތަމްރީނުކުރުމުގެ ޕްރޮގްރާމްތައް ފައްޓަވައި، އެކި ބާވަތުގެ ފަންނާއި ހުނަރު ކުރިއެރުވުމަށް ސަރުކާރުން ހިލޭ އެހީ އާއި ލުއިލޯނު ދިނުން އިތުރުކުރެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ދިވެހި އުފެއްދުންތަކަށް ދުނިޔޭގެ ބާޒާރުން ޖާގަ ހޯދައިދިނުމަށް، ސަރުކާރުން އިސްނަންގަވައިގެން ބޮޑެތި އީ-ކޮމަރސް މަންސަތަކާއެކު ފެއްޓެވި މަސައްކަތުގެ މޭވާ ލިބެންފަށާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ޤާނޫނަށް ފައްތައި ބެލެހެއްޓުމުގައި މިދިޔަ އެއްވެސް ސަރުކާރަކުން ނާޅާ ފަދަ ހަރުދަނާ ފިޔަވަޅުތައް މި ސަރުކާރުން އަޅާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ދިވެހީންނަށް ނޫނީ ރާއްޖޭގައި ނުކުރެވޭނެ މަސައްކަތްތަކާއި އަދާ ނުކުރެވޭނެ ވަޒީފާތައް ކަނޑައަޅައި، އެކަން ތަންފީޒުކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމަށް ޚާއްޞަ މަސައްކަތްތައް ކުރައްވަމުންގެންދަވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް، ޢުމުރުން 65 އަހަރުވުމަށް ފަހުވެސް ވަޒީފާއަދާކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލެވިފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި ސަރުކާރަކީ، އެންމެ ގިނަ މަސައްކަތްތެރީންނާ ސީދާ ބައްދަލުކޮށް، އެފަރާތްތަކުގެ ކަންބޮޑުވުން އެންމެ ގިނައިން އަޑުއެހި ސަރުކާރަށް ވާނޭކަންވެސް، އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އެކި ފަންތީގެ މަސައްކަތްތެރީންނަށް، އެތައް އަހަރެއް ވަންދެން ޙައްލު ނުލިބިފައި ހުރި މައްސަލަތަކަށް ޙައްލު ހޯއްދަވައިދެވިފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ކާބަފައިން ބިނާކުރި ދިވެހިވަންތަ ޙަޟާރަތުގައި، މަސައްކަތްތެރިކަމާއި ހުނަރުވެރިކަމާއި މުރާލިކަމުގެ އެތައް ހާސް ނަމޫނާއެއް ފެންނާން އެބަހުރިކަންވެސް އެމަނިކުފާގެ ޚިޠާބުގައި ވަނީ ފާހަގަކުރައްވާފައެވެ. އަދި ޒަމާނާ އެކު ބަދަލުވެ، ބަވަނަވަމުންދާ ދުނިޔޭގައި، އުފެއްދުންތެރި، މަސައްކަތްތެރި، ވަރުގަދަ އިޤްތިޞާދެއްގެވެރި ބައެއްގެ ގޮތުގައި ދިވެހީން ދެމިތިބުމަކީ، ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ޙިމާޔަތްކޮށް ދެމެހެއްޓުމަށް މުހިންމު ރުކުނެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބު ނިންމަވާލެއްވީ ވަޒީފާ އާއި މަސައްކަތުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގައި ދިވެހި ހުރިހާ ރައްޔިތުން އެއްބާރުލުން ދެއްވައި، މަސައްކަތެއް ކުރެވޭނެ ކެރިކުޅަދާނަކަންހުރި ކޮންމެ ދިވެހި ރައްޔިތަކު ޢަމަލީ މައިދާނަށް ނިކުތުމަށް އިލްތިމާސްކުރައްވަމުންނެވެ.



