- Advertisement -spot_img

މިނިވަން ނޫސްވެރިކަމޭ އެއްގޮތަށް އަބުރު ރައްކާތެރި ކުރުމަކީ ވެސް ލިބިގެންވާ ހައްގެއް: ޝިޔާމް

ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ ގާނޫނު އަސާސީން ކަށަވަރުކޮށްދޭ އަސާސީ ހައްގުތަކެއް ކަމަށާއި ހަމަ މި ހައްގުތަކާއި އެކުއެކީ ޒާތީ ދިރިއުޅުމުގެ ހައްގާއި ނަމާއި އަބުރު ރައްކާތެރިކުރުމުގެ ހައްގަކީ ވެދް ހަމަ ކޮންމެ ރައްޔިތަކަށްމެ ގާނޫނު އަސާސީން ކަށަވަރުކޮށްދޭ ހައްގުތަކެއް ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ، މި ހައްގުތައް ކަށަވަރުވުމުގައި ގައުމުގެ ވަލިއްޔުލްއަމްރު އިސްތިސްނާވެގެންނެއް ނުވާކަމަށެވެ.

މި ހައްގުތަކާއި މިނިވަންކަމަކީ އިސްލާމީ ރިވެތި އިންތަކާއި މިންތައް ފަހަނައަޅައި، މީހުންގެ އަބުރު ކަތިލައި، ސާބިތު ހިފޭ ހެކި ނެތި ޒިނޭ އާއި ޤަޛްފުގެ ތުހުމަތު އެއްވެސް މީހެއްގެ ބޮލުގައި އެޅުވުމަށް ދެވޭ ލައިސަންސެއް ނޫންކަމަށް ޝިޔާމް ވިދާޅުވިއެވެ.

”ޤަޛްފާއި ޒިނޭއަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ 7 އުޑުމަތިން ބާވާލެއްވި އިސްލާމީ ޝަރީއަތުގައި އެކަންކަން ސާބިތުކުރުމަށް ހެކީގެ ވަކި ހާއްސަ މިންގަނޑެއް ކަނޑައަޅައި، ޙައްދު ކަނޑައަޅާފައިވާ ކުށްތަކެއް. އަދި އަބުރު ރައްކާތެރި ކުރުމަކީ އިސްލާމީ ޝަރީއަތުގެ އެއް މަގްސަދު ކަމުގައިވެފައި، އަޅުގަނޑުމެންނަކީ ސައްތައިން ސައްތަ މުސްލިމުން ކަމުގައިވާއިރު، ޚިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ ނަމުގައި މީހުންގެ އަބުރު، އަދި ވަކިން ހާއްސަކޮށް އިސްލާމީ ދައުލަތެއްގެ ވެރިޔާގެ އަބުރު ކަތިލުމަކީ ކުރެވިގެންވާނެ ކަމެއް ނޫން. އެއީ ބަލައިގަނެވޭނެ ކަމެއްވެސް ނޫން. އަޅުގަނޑުމެންގެ މުޖުތަމައަކީ އެފަދަ ކަންކަމަށް ތަރުހީބު ދޭނެ މުޖުތަމައެއްވެސް ނޫން،“. ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ދިވެހި ނޫސްވެރިންނަކީ އެފަދަ ފާހިޝް ހުތުރު ކަންކަމަށް ހިތްވަރުދޭ، ދޮގު ޚަބަރު ފަތުރާ ބަޔަކަށްވުރެ މާ ތަހުޒީބު، މާ ޒިންމާދާރު ބަޔަކަށް ވާންޖެހޭނެ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އަޅާނެ ސަރުކާރެއް ނޫންކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ ރައީސަކީ ނޫސްވެރިންނާ ވަރަށް ގާތުން މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާ ބޭފުޅެއް ކަމަށެވެ.

ކަންމިހެން އޮތް ނަމަވެސް މިއަދު ނޫސްވެރިކަމުގެ މިނިވަންކަމުގެ ނަމުގައި ގައުމުގެ ރައީސުލްޖުމްހޫރިއްޔާގެ އަބުރު ކަތިލެވޭއިރު، މިކަން ނުހުއްޓުވައިފިނަމަ މާދަމާ މިކަމުގެ ޝިކާރައަކަށް ހަމަ ކޮންމެ ބޭފުޅަކުވެސް ވެދާނެކަމަށާއި އެހެންކަމުން، ނޫސްވެރިކަމަކީ ސާބިތު ހިފޭ ހެކިތަކުގެ މައްޗަށް ރައްޔިތުންނާ ހަމައަށް ތެދު މަޢުލޫމާތު ގެނެސްދޭ މަސައްކަތަކަށް ވާންޖެހޭނެކަމަށް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް